ސިޔާސީ

މަޖިލީހުގައި އޮތީ ރައީސް ސޯލިހުގެ އަޣުލަބިއްޔަތު، އެތެރޭންނާއި ބޭރުން ތެޅިޔަސް ސަރުކާރެއް ނުވެއްޓޭނެ: ރީކޯ

މަރިޔަމް ޝަހުދާ

މަޖިލީހުގައި އޮތީ ރައީސް ސޯލިހުގެ އަޣުލަބިއްޔަތު ކަމަށާއި އެތެރޭންނާއި ބޭރުން ތެޅިޔަސް ސަރުކާރެއް ނުވެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރިކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ދައްކާ ވާހަކަތައް ރިޔާސަތުން ކޮންޓްރޯލު ނުކުރި ނަމަވެސް ދިވެހި ފުލުހުންގެ ސަފުތައް ނުރޫޅޭނެ ކަމަށެވެ. އަދި ފުލުހުން އަބަދުވެސް ތިބޭނީ ގަދަރާއި އިހުތިރާމުގައި ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމަށް މިހާރު ކުރިމަތިވެފައިވާ ދަތިކަމުގައިވެސް ސަރުކާރުން ޕާޓީތަކަށް 30 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އަދި ބޮޑު ތިން ޕާޓިން ފައިސާ ނަގައިގެން ތިބެ މަސައްކަތެއްގެ ގޮތުން ކުރަނީ ފުލުހުންނާއި ސިފައިންނަށް މަލާމާތް ކުރުމުގެ މަސައްކަތް ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އެއްބަޔަކު މަޖިލިސް ބޮއިކޮޓު ކުރަމުން ދާއިރު، އަނެއް ބަޔަކު ސަރުކާރުގައި ތިބެ "އަލިފާނަށް ޕެޓްރޯލު އުކައި ރޯކުރަނީ" ކަމަށްވެސް ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ ވަނީީ ރައީސް ސޯލިހުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ވެސް ރައްދު ދެއްވައިފައެވެ. އެގޮތުން ރައީސް ސޯލިހު ބަޣާވާތަކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، ހުރިހާ ވެރިކަމެއް ވައްޓާލުމުގެ ހިޔާލު ދޫކޮށްލެއްވުމަށް ރީކޯ މޫސަ ވަނީ ގޮވާލައްވައިފައެވެ.