މުހައްމަދު އައުޒަމް
ބެއިޖިން އަށް 50 ދުވަސްފަހުން ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ބޮޑު ކްލަސްޓާއެއް ފެނިއްޖެއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިން އިން މި ކްލަސްޓާ ފެނިފައިވަނީ އެސިޓީގެ އެންމެ ބޮޑު ސީފުޑް އަދި ތަރުކާރީ މާރުކޭޓު ހިމެނޭ ސަރަހައްދުން ކަމަށް އޮފިޝަލުން ބުނެއެވެ.
ބެއިޖިންއަށް ކޮވިޑްގެ ދެވަނަ ރާޅެއް އެރިފަހުން މިހާތަނަށް 75000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައިވާއިރު 100 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ހާލު ދެރަ 79 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ބެއިޖިން އިން ކޮވިޑް19 އިން ސަލާމަތް ވިކަން އިއުލާން ކުރިފަހުން ގިނަ ދުވަސްތަކަކަށްފަހު ފެނިފައި މިވާ ކްލަސްޓާގެ ސަބަބުން އެގައުމުގެ ސިއްހީ މާހިރުން ވަނީ އެތައް ސުވާލުތަކެއް އުފައްދައި މިކަން ތަހުގީގު ކުރުމަށް ގޮވާލައިފައެވެ.
ބެއިޖިންގައި ކޮވިޑް ފެތުރެން ފެށިފަހުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ދިންތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް ފެތުރެން ފެށުމާއެކު ވަނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ. އެސިޓީގެ ހުރިހާ ވިޔަފާރިތަކަށް ވަނީ އެތަންތަނުން ހިދުމަތް ހޯދާ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމަށް އަންގައިފައެވެ.
ކޮވިޑްގެ ކޭސްތައް ފެންނަން ފެށި މާރުކޭޓުވެސް ބަންދުކޮށް ކައިރި ހިސާބުތަކުގައި އުޅޭ ގިނަ ގެތައް ވެސް ވަނީ ލޮކްޑައުން ކޮށްފައެެވެ.