ކުއްލި ޚަބަރު

ކުޑަކުދީންނަށް ބޭރަށް ނުކުމެވޭ ގަޑީގައި ޓެލިކިލާސް އޮންނަ މައްސަލަޔަށް ހައްލެއް ހޯދައިދޭނަން: މިނިސްޓަރު

އަލީ ޔާމިން

ކުޑަކުދީންނަށް ބޭރަށް ނުކުމެވޭ ގަޑީގައި ޓެލިކިލާސް އޮންނަ މައްސަލަޔަށް ހައްލެއް ހޯދައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ލޮކްޑައުނަށް ލުއިދިނުމުގެ ދެވަނަ މަރުހަލާ މިއަދު ފެށިފައިވާއިރު ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00އަށް ބޭރަށް ނުކުމެ އުޅުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ދަރިވަރުންގެ ޓެލިކިލާސްތައް ފެށެނީ ހަވީރު ކަމަށް ވުމުން ގިނަ ބެލެނިވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، ކުޑަކުދީންނަށް ބޭރަށް ނުކުމެވޭ ގަޑީގައި ޓެލިކިލާސް އޮންނަ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ދެން ތި ވިދާޅުވީ ޓެލިކިލާސް ވާހަކަ. އަޅުގަނޑުމެން އެކަމާ ވިސްނާފައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރަނގަޅު ގޮތެއް ހަދައިދެވޭތޯ ބަލާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ އެއްވެސް ދަރިވަރަކު ބާކީ ނުކޮށް ތައުލީމު އުނގަންނައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ކޮވިޑް 19ގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލުތައް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.