ކުއްލި ޚަބަރު

މާލޭގެ ސްކޫލުތައް ހުޅުވިޔަސް، ހާޒިރު ނުވެވޭ ދަރިވަރުންނާ ހަމަޔަށް ފިލާވަޅުތައް ފޯރުކޮށްދޭނެ: މިނިސްޓަރު

އަލީ ޔާމިން

މާލޭގެ ސްކޫލުތައް ހުޅުވިޔަސް، ހާޒިރު ނުވެވޭ ދަރިވަރުންނާ ހަމަޔަށް ފިލާވަޅުތައް ފޯރުކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، ހުރިހާ ދަރިވަރުންވެސް ސްކޫލަށް ހާޒިރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް އުޒުރަކާ ހެދި ސްކޫލަށް ހާޒިރު ނުވެވޭ ދަރިވަރުންނާ ހަމަޔަށް ފިލާވަޅުތައް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

"ސްކޫލަށް ހުރިހާ ކުދިންވެސް ހާޒިރުވުން އެއީ ހަމަ ވަރަށް މުހިންމުކަމެއް. ދެން އަޅުގަނޑު އުންމީދު ކުރަނީ ބެލެނިވެރިން އެބޭފުޅުންގެ ޒިންމާ އަދާކުރައްވައި ސްކޫލުތަކަށް ފޮނުވާނެ ކަމަށް. ދެން އެއްވެސް ހާލަތެއް މެދުވެރިވެގެން ސްކޫލަށް ނާދެވޭ ދަރިވަރެއް ވެއްޖެނަމަ އެ ދަރިވަރާ ހަމައަށް ފިލާވަޅު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އަޅުގަނޑުމެން ވާނީ ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެއްވެސް ކުއްޖަކަށް އުނގެނޭނެ ފުރުސަތު ނުލިބި އޮތުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ނުދޭނެ ކަމަށެވެ.

ކޮވިޑް 19ގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލުތައް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

މާލޭގައި ބަލި ފެތުރުން ކޮންޓްރޯލް ނުވި ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލުތަކުގެ ކީސްޓޭޖް 4 އަދި 5ގެ ދަރިވަރުން (ގްރޭޑް 9 އިން 12)ގެ ދަރިވަރުންނަށް ސްކޫލުތަކުން ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.