އަލީ ޔާމިން
ވަގުތީގޮތުން ރަށްރަށަށް ދިޔަ ދަރިވަރުންނަށް ރަށްރަށުގެ ސްކޫލުތަކުގައި ކިޔެވޭނެ ކަމަށާއި ވަކި ޔުނީފޯމެއް ބޭނުމެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލޭ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ރަށްތަކަށް ދިޔުމުން ވާނެ ގޮތަކާ މެދު ބެލެނިވެރިން ވެސް ސުވާލުކުރަމުން އަންނަ ކަމަށާއި އެގޮތުން ބަދަލުވާ ރަށުގެ ސްކޫލުން އެ ދަރިވަރަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
"އެއީ ވަގުތީގޮތުން ބަދަލުވިޔަސް މާލޭ ސްކޫލުގެ ފުރުސަތު ގެއްލިގެނެއް ނުދާނެ. އެ ދަރިވަރު އެ ރަށެއްގައި ހުންނަހާ ދުވަހެއްގައި، އެ ރަށެއްގެ ސްކޫލުން އެ ދަރިވަރަށް ތައުލީމު ލިބިގެންދާނެ. އެހެންކަމުން އަޅުގަނޑުމެން އެކަން ކަށަވަރުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަށު ސްކޫލަށް ދާއިރު ކޮންމެހެން އާ ޔުނިފޯމެއް ނުފެހިޔަސް ރަނގަޅުވާނެ ކަމަށާއި މިނިސްޓްރީގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދިއުން ކަމަށެވެ.
ކޮވިޑް 19ގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލުތައް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
މީގެ އިތުރުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލުތައްވެސް މަތީ ގްރޭޑްތަކަށް ހުޅުވާލުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ގްރޭޑް 9އިން ފެށިގެން 12 ގެ ދަރިވަރުންނަށް ސްކޫލުތަކުން ކިޔަވައިދޭން ވަނީ ނިންމައިފައެވެ.