އަލީ ޔާމިން
އިންޓަނެޓުގެ އަގުބޮޑުވުމާއި ނެޓުގެ ސްޕީޑް ދަށްވުމަކީ އޮންލައިންކޮށް ކިޔަވައިދޭން އޮތް ގޮންޖެހުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާއިޝަތު އަލީ ވިދާޅުވީ، ކޮވިޑުގެ ހާލަތު އައިސް ބޯމަތިވިއިރު އެޑިއުކޭޝަން މިނިސްޓަރީން ތިބީ އެފަދަ ހާލަތަކަށް ތައްޔާރުވެގެން ނޫން ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ފުރަތަމަ ގޮންޖެހުމަކީ ކޮވިޑުގެ ސަބަބުން ދަރިވަރުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ހާޒިރު ނުވެ ގޭގައި ތިބެންޖެހުން ކަމަށާއި ނަމަވެސް ޓީޗަރުންނާއި މުދައްރިސުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ދަރިވަރުންނަށް ގޭގައިވެސް ކިޔެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގޭގައި ދަރިވަރުންނަށް ކިޔަވާދިނުމުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނެޓުގެ އަގު ބޮޑުވުމާއި ކަނެކްޓިވިޓީ ސްލޯވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިންޓަނެޓްގެ ޗެލެންޖު އަޅުގަނޑުނެންނަށް އެބައިން. އިންޓެނެޓް އަގުބޮޑުވުން. ހަމަ ކަނެކްޓިވިޓީ ސްލޯވުން. އެހެންކަމުން ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭއިރު މި ދަތިކަންވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތައުލީމު ހާސިލުކުރުމުގެ އިތުރުން ސްކޫލުގެ މާހައުލުން ދަސްވާ އެހެނިހެން ކަންކަން މި ދުވަސްވަރު ކުދިންނަށް ދަސްވެފައިނުވާ ކަމަށާއި އެހެންކަމުން އެއީ ކުދިންނަށްވެސް ލިބޭނެ ދެރައެއް ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް ފިލާވަޅުތައް ފޯރުކޮށްދޭއިރު، ދަރިވަރުންގެ އަތުގައި ރަނގަޅު ޑިވައިސެއް ނެތުމަކީވެސް ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަށު ގްރޭޑް ކުދިންނަށް ޓެބްލެޓްވެސް ފޯރުކޮށްދެވިފައި ނުވާ ކަމަށާއި އެހެންކަމުން އެކުދިންނަށް ކިޔަވައިދިނުމަށް މިހާތަނަށް އައިއިރު ވަރަށް އިނޮވޭޓިވް އަދި ކްރިއޭޓިވް ގޮތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ހިދުމަތް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.