ކުއްލި ޚަބަރު

"ސައުދީ ސަރުކާރުން ހައްޖުގެ ފުރުސަތު ހުޅުވާލައިފި ނަމަ ދިވެހީންނަށް އެފުރުސަތު ހޯދައިދޭން މަސައްކަތްކުރާނަން"

އަލީ ޔާމިން

ސައުދީ ސަރުކާރުން ހައްޖުގެ ފުރުސަތު ހުޅުވާލައިފި ނަމަ ދިވެހީންނަށް އެފުރުސަތު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ބައެއް ގައުމުތަކުން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ވަނީ ނިންމައިފައެވެ. ނަމަވެސް މިއަހަރުގެ ހައްޖާ ގުޅޭގޮތުން ސައުދީގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އަދި ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އެންމެ ފަހު ވަގުތުވެސް ސައުދީ ސަރުކާރުން ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ހުޅުވާލައިފިނަމަ ހައްޖަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން މިހާރު ދިރާސާއެއް ހަދަމުން އަންނަ ކަމަށާއި އެގޮތުން ވީހާވެސް މަދުން ގައުމުތަކަށް ފުރުސަތު ދީގެން ހައްޖަށް މީހުން ގެންގޮސްގެން އިންތިޒާމު ހަމަޖެއްސޭނެ ގޮތްތަކަށް ސައުދީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ ގައުމުން މަސައްކަތް ކުރަނީ ގާތްގަނޑަކަށް 270،000 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 2.5 މިލިއަން މީހުން ޖަމާވާނެ އަރަފާތަށް، މިނާ އަށް އެއްފަހަރާ. އެ ބޭފުޅުން ސާވޭ ހައްދަވާފައި އެ ބައްލަވަނީ އެ އަދަދު 270،000 މީހުންނަށް ތިރިކޮށްގެން ހިދުމަތްތައް ފޯރުކޮށްދެވިދާނެތޯ. ގައިދުކުރުކަން ބަހައްޓައިގެންނާއި، ހަމަ އެގޮތަށް މީހަކު ބަލިވެއްޖެނަމަ ފަރުވާދެވޭނެ އިންތިޒާމުތަކާއި، އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިގެން ހައްޖަށް ގެންދެވިދާނެތޯ އެ ބައްލަވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ދިރާސާ ނިންމުމަށް ފަހު ހައްޖަށް މީހުން ގެންދިއުމަށް ހުޅުވާލައިފިނަމަ އެ ފުރުސަތު ދިވެހިންނަށް ތަނަވަސްކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖެއަކީ މަދު މީސްކޮޅެއް، އެހެންކަމުން މަދު ކޯޓާކޮޅެއް ކޮންމެ އަހަރަކުވެސް މި ލިބެނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖެއަށް އެންމެ ފަހު ވަގުތާ ހަމައަށްވެެސް ފުރުސަތު ލިބިއްޖެ ކަމަށް ވަނީ ނަމަ ހައްޖަށް މީހުން ގެންދިޔުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބެންވާއިރަށް މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލި ގްރޫޕުތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފުރުސަތު ލިބޭހާ އަވަހަކަށް ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ގްރޫޕުތައް އިއުލާނު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައި ނުވާއިރު، މިދިޔަ މަހުގެ ކުރީކޮޅު އެގައުމުން ވަނީ މިއަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގައިފައެވެ.