ކުއްލި ޚަބަރު

އަންނަ މަހު 1 ގައި ސްކޫލުތައް ހުޅުވާއިރު ކިޔަވައިދޭނީ ހަތަރު ދުވަހު ދުވާލަކު 4 ގަޑިއިރު: އެޑިޔުކޭޝަން

އަންނަ މަހު 1 ގައި ސްކޫލުތައް ހުޅުވާއިރު ކިޔަވައިދޭނީ ހަތަރު ދުވަހު، ދުވާލަކު 4 ގަޑިއިރު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކިޔަވައިދޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށާއި ފަސްވަނަ ދުވަސް މި ބޭނުންކުރަނީ ޓީޗަރުންނަށް އެކި ކަހަލަ ޓްރެއިނިން އާއި ތައްޔާރީތައްވުމަށް ކަމަށެވެ.

މި ހާލަތުގައި އަޅުގަނޑުމެން ސްކޫލުތައް މި ހުޅުވާލަނީ ހަފުތާއަކު ހަތަރު ދުވަހު. ފަސްވަނަ ދުވަސް މި ބޭނުންކުރަނީ ޓީޗަރުންނަށް އެކި ކަހަލަ ޓްރެއިނިން އާއި ތައްޔާރީތައް ވުމަށްޓަކައި. އެހެންވީމާ ދަރިވަރުން ފޭސް ޓު ފޭސްއަށް މިވަގުތު ކިޔެވުން ފެށޭ އިރު ހާޒިރުވާނީ ހަތަރު ދުވަހު. އެހެންވީމާ ހަތަރު ދުވަހު، ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ނުވާނެ ގޮތަކަށް ދަރިވަރުން ސްކޫލަށް ހާޒިރުވެގެންދާނީ. މާނައަކީ ދެ ސެޝަނަށް ހިންގާ ސްކޫލެއް ކަމުގައިވިޔަސް ކޮންމެ ސެޝަނެއްގައި ދަރިވަރުން ހޭދަކުރާނީ އެންމެ ގިނަވެގެން ވެސް ހަތަރު ގަޑިއިރު،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ދެ ސެޝަނަށް ހިންގާ ސްކޫލެއް ކަމުގައިވިޔަސް ކޮންމެ ސެޝަނެއްގައި ދަރިވަރުން ހޭދަކުރާނީ އެންމެ ގިނަވެގެން ވެސް ހަތަރު ގަޑިއިރު ކަމަށާއި އެ ހަތަރު ގަޑިއިރުގެ ތެރެއިން ވަކި ވަގުތުތަކެއް ދަރިވަރުން ބޭރަށް ނުކުމެލައި، އަތްދޮވުމާއި ހައިޖެނިކް އެޑިއުކޭޝަން ފަދަ ކަންކަމަށް ހޭދަކުރާނެ ކަމަށެވެ.