ކުއްލި ޚަބަރު

ދަރިވަރުން ސްކޫލަށް ފޮނުވަން ވާނީ ކާން ދީފަ، ސްކޫލުގައި ނާސްތާ ޕްރޮގްރާމް ކުރިޔަކަށް ނުގެންދާނެ: މިނިސްޓަރު

3

ދަރިވަރުން ސްކޫލަށް ފޮނުވަން ވާނީ ކާން ދީފައި ކަމަށާއި ސްކޫލުގައި ނާސްތާ ޕްރޮގްރާމް ކުރިޔަކަށް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސްކޫލަށް އަންނަ އިރު، ބޯނެ ފެން ވެސް ދަރިވަރުން ގެންނަން ޖެހޭނެ ކަމަށެވެ.

"ސްކޫލަށް ދަރިވަރުން ފޮނުވާ އިރު، ގެއިން ކައިގެން އަންނަ ކަހަލަ ގޮތަކަށް މިހާރު ހަމަޖެހިފައި އޮތީ. އަޅުގަނޑުމެން ކޮވިޑުގެ ކުރިން ސްކޫލުތަކުން ދެމުންދިޔަ ހެނދުނުގެ ނާސްތާ މި ދުވަސްކޮޅު އަޅުގަނޑުމެން މެދުކަނޑާލާފައި، ގެއިން ހުރިހާ ކުދިން ރަނގަޅަށް އެއްޗެއް ކާލައިގެން އައުން އެއީ ވަރަށް މުހިންމު ކަމެއް. ސްކޫލަށް އަންނަ އިރު، ބޯނެ ފެން ވެސް ދަރިވަރުން ހިފައިގެން އަންނަ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑު ފެތުރިފައި ނުވާ ރަށްރަށުގައި އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލުތައް ހުޅުވޭނެ ކަމަށާއި އެ ތާރީހު ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"މިހާރު ހަމަޖެހިފައިވާ ގޮތުން ބަލިމަޑުކަން ނުފެރޭ ރަށްރަށުގައި ޖުލައި އެކެއްގައި ގްރޭޑް އެކަކުން ފެށިގެން މަތީ ގުރޭޑުތަކަށް ސްކޫލުތައް ހުޅުވިގެންދާނެ. ސްކޫލުތައް ހުޅުވަން ހަމަޖެހިފައި މިއޮތީ ފޭސްތަކަކަށް ބަހާލައިގެން. މި ހާލަތުގައި ވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭނީ ދަރިވަރުންގެ ސިއްހަތަށް، ސިއްހީ ރައްކާތެރިކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟