ދަރިވަރުން އެޅުމަށް އެދެވިގެން ވަނީ ފޮތި މާސްކް ކަމަށާއި މާސްކުގެ އިންތިޒާމް ހަމަޖައްސާނީ ބެލެނިވެރީން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދެ ވައްތަރެއްގެ މާސްކު އެޅިދާނެ ކަމަށާއި އެއީ މެޑިކަލް މާސްކު ނުވަތަ ފޮތި މާސްކު ކަމަށެވެ. އަދި އެންމެ އެދެވިގެންވަނީ ފޮތި މާސްކު އެޅުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޮޑަށް އެދެނީ ދަރިވަރުން ފޮތި މާސްކު އަޅައިގެން އަންނަން. އެއީ ހަރަދު ކުޑަކުރުމާއި، ގިނަ ވަގުތު ދަރިވަރުން ތިބެން ޖެހޭނެތީ ފޮތި މާސްކަށް އަޅުގަނޑުމެން ބޮޑަށް ބުރަވަނީ. ފޮތި މާސްކު ހަދާނެ ގައިޑްލައިނެއް ވެސް އަޅުގަނޑުމެން ސްކޫލުތަކާ ވާނީ ހިއްސާކޮށްފައި. ފޮތި މާސްކު ހެދުމަށް ބޭނުންކުރާ ފޮތި ވާންވާނީ ރޮދި ކައިރީގައި ވިޔެފައި ހުންނަ ފޮއްޗަކަށް. އަދި ދަރިވަރުންނަށް ފަސޭހައިން ނޭވާ ލެވޭ ފަދަ ފޮއްޗަކަށް. އަދި މި މާސްކު މިއީ ތިން ލޭޔަރު ހުންނަ މާސްކަކަށް ވާން އެބަޖެހޭ. މާސްކު ހަދާފައި ހުންނަން ވާނީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާ ކަހަލަ ގޮތަށް. އަދި ބާރުވެގެން ނުވަތަ މާ ދޫވެގެން ދަރިވަރުން އަބަދު މާސްކުގައި އަތްލާން ޖެހޭ ކަހަލަ ގޮތަކަށް މާސްކު ހެދިފައި ހުރެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވާއިރު ޓީޗަރުންނާއި ދަރިވަރުން އަދި ސްކޫލަށް ވަންނަ އެހެން މީހުންނަށް ވެސް ވަދެވޭނީ މާސްކް އަޅައިގެން ކަމަށާއި އެއީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
"ދަރިވަރުން ވެސް މުދައްރިސުން ވެސް ސްކޫލަށް އަންނަ ހަމަޖެހިފައި މިވަނީ މާސްކު އަޅައިގެން. އިތުރު މީހަކު ސްކޫލަށް ވަންނަ ކަމުގައިވިޔަސް، އެއީ ބެލެނިވެރިއެއް ކަމުގައިވިޔަސް ނުވަތަ ސްކޫލަށް އެއްޗެއް ޑެލިވާ ކުރަން އަންނަ ބޭފުޅެއް ކަމަށްވިޔަސް މާސްކު އަޅައިގެން ސްކޫލަށް ވަންނަ ގޮތަށް ހަމަޖެހިފައި މިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށްއޮތް މަހު މާސްކަކީ ސްކޫލު ޔުނީފޯމުގެ ބައެއް ކަމަށާއި މާސްކު ހެދުމުގެ އިންތިޒާމު ހަމަޖައްސާނީ ބެލެނިވެރިން ކަމަށެވެ.