ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހު 1 ގައި ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އަންނަ މަހުގެ 1 ގައި ސްކޫލުތައް ހުޅުވަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ފުރަބަންދުން އަޅުގަނޑުމެންނަށް މިހާރު މިވަނީ ލުއިތަކެއް ލިބިފައި. އެގޮތުން އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ސްކޫލުތައް ހުޅުވުމަށް. މިހާރު ސްކޫލު ހުޅުވަން އޮތް ތާރީހަކީ ޖުލައި އެކެއް. އަޅުގަނޑުމެން މި ތާރީހު ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކޮށްފައި. މިހާރު ހަމަޖެހިފައިވާ ގޮތުން ބަލިމަޑުކަން ނުފެރޭ ރަށްރަށުގައި ޖުލައި އެކެއްގައި ގްރޭޑް އެކަކުން ފެށިގެން މަތީ ގުރޭޑުތަކަށް ސްކޫލުތައް ހުޅުވިގެންދާނެ. ސްކޫލުތައް ހުޅުވަން ހަމަޖެހިފައި މިއޮތީ ފޭސްތަކަކަށް ބަހާލައިގެން. މި ހާލަތުގައި ވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭނީ ދަރިވަރުންގެ ސިއްހަތަށް، ސިއްހީ ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިދިޔަ ތިން މަސް ދުވަހު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ކަންތައްތަކަކުން މަހުރޫމުވެފައިވާ ކަމަށެވެ.
"ހަގީގަތުގައި ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން އަންނަ ތަނެއް ނޫން. ދަރިވަރުންގެ އިޖުތިމާއީ ހުނަރުތަކާއި އެކުދިން ރައްޓެހިންނާ ބައްދަލުވެ، ބައިވަރު ކަންތައްތައް ސްކޫލުން އެކުދިންނަށް ފުރިހަމަވޭ. އަދި ބައެއް ކުދިންނަށް ސްކޫލު އެއީ ހަމައެކަނި އެކުއްޖާއަށް ލިބޭ ސޭފް ޕްލޭސްކަމުގައި އެބަވޭ. އޭގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ވެސް މިވަނީ ހީނަރުކަމެއް އައިސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ ތިން މަސްދުވަހު މަސައްކަތްކުރަމުންދިޔައީ ދަރިވަރުންގެ ކިޔެވުން ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ކަމަށާއި ނަމަވެސް ސްކޫލުގައި ކިޔަވާ ގޮތަށް އެކަންކަން ކުރިއަށްގެންދެވިފައި ނުވާ ކަމަށެވެ.