ކުއްލި ޚަބަރު

ރެކޯޑެއް، މިއަދު ކޮވިޑުން ރަނގަޅުވީ އަދަދު 229 އަށް، މިހާރު ރާއްޖޭގައި ތިބީ ބައްޔަށް ޕޮޒިޓިވް 515 މީހުން

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 229 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 229 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 1540 އަށް އަރާފައިވާ ކަމަށެވެ. މިއީ މިހާތަަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވި ދުވަހެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 30 މީހެކެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ 13 މީހަކާއި ނޭޕާލުގެ މީހެކެވެ. ރާއްޖޭގައި ޖުމުލަ 2065 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމުލަ 515 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.