ޔުނައިޓެޑް ނޭޝަންސް

އަދުލު އިންސާފުގެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބެންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރާނެ!

އަދުލު އިންސާފުގެ ދާއިރާއަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބެންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާނެ ކަމަށް އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ރެޒޮލޫޝަނާ ގުޅޭގޮތުން އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ކުރިން ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އައު ގާނޫނުލްއުގޫބާތުގައި ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ވަނަ އަހަރު ކަމަށެވެ.

އޭގެ އިތުރުން ވަކިފަރާތަކަށް ނުޖެހޭ މިނިވަން އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހެދުމަށް އެ ދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދިވެހިރާއްޖެއިން ވަނީ ދީފައެވެ. އަދި ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަން ވެސް ވަނީ ހާމަކޮށްފައެވެ.

އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގި ވޯޓުގައި ދިވެހިރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތު ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވެ ތިބި އ.ދ. ގެ މެމްބަރު ގައުމުތަކަށް ސަބަބު ބަޔާންކޮށްދީފައެވެ.