މިފްކޯ

މިދިޔަ ރޯދަ މަހު ރެކޯޑް އަދަދަކަށް ދަޅުމަސް ވިކުނު: މިފްކޯ

އަލީ ޔާމިން

މިއަހަރުގެ ރަމަޟާން މަހު ރެކޯޑް އަދަދަކަށް މިފްކޯގެ ފިހާރަތަކުން ދަޅުމަސް ވިކިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19ގެ ކާރިސާއަށް ރާއްޖެ ކުރިމަތިލީއިރު މީގެ ކުރިން މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ކޮށްފައިނުވާ އާ ތަޖުރިބާތަކެއް އެ ކުންފިނިން ފުރަބަންދުގެ ދުވަސްތަކުގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ވިޔަފާރި ކުންފުންޏަކަށް މިފްކޯ ވާއިރު އެ ކުންފުނީގެ އޮޕަރޭޝަން މެނުއަލްގައިވެސް ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދާނެގޮތުގެ ޕްރޮސީޖާ ވަރަށް ރަނގަޅަށް ހިމަނާފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަކީ މިފްކޯ މަސްފިހާރައިގެ ވިޔަފާރިއަށް އެންމެ ބާރުބޮޑުވާ މަސްކަމަށްވާ އިރު، ކަސްޓަމަރުންނަށް ބޭނުންވާ މައިގަނޑު ދަޅުމަހާއި، ގަނޑުކުރި މަހާއި ވަޅޯމަހުގެ އެކި ބާވަތްތައް މިއަހަރުވަނީ ވަކި މުއްދަތެއްގެ ކުރިން ދުރާލާ އުފައްދައި މާލެއާއި އަތޮޅުތެރެއަށް ސަޕްލައިކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން މިރޯދަމަހު ހުސްނުވެ ގިނަ އުފެއްދުންތައް ހާއްސަކޮށް ދަަޅުމަސް ރެކޯޑް މިންވަރަކަށް ވިކުނު ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ އާ އާންމު ހާލަތަކަށް މިހާރު މަސައްކަތްތައް ރޭވިގެން ކުރިއަށްދާނީ ސަމާލުވާންޖެހޭ ކަންކަމަށް އަހައްމިއްޔަތުކަންދީގެން ކަމަށެވެ. އެގޮތުން އެކުންފުނީގެ އެކި ސައިޓްތަކަށް ބޭނުންވާ މުދާ މާލެއިން ބަރުކޮށް ސައިޓްތަކަށް ބޭލުމުގައި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަސައްކަތް ކުރިއަށްދާއިރު އެކި ސައިޓްތަކާއި ކަނޑުމަތީ އުޅަނދުފަހަރުގެ ޓީމުތައް އެއްބަޔަކު އަނެއްބަޔަކާ ހަރަކާތްތެރިވާނީ ކޮންޓެކްޓްނުވާހެން ކަމަށެވެ. އަދި މުވައްޒަފުންގެ ކިބައިން އެއްވެސް ކަހަލަ ރޯގާ ނުވަތަ ބައްޔެއްގެ އާލާމާތް ހުރިތޯއާއި ހަށިގަނޑުގެ ފިނިހޫނުމިން ބެލަމުންދާނެ ކަމަށާއި ސައިޓްތަކުގެ އެކި ހިސާބުތަކުގައި އަތްދޮންނަ އިތުރު އިންތިޒާމުވެސް ހަމަޖައްސާފައިވާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން މިފްކޯއިން ބުނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމާއި ދަޅުގައި ބަންދުކުރުމުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް 557 މުވައްޒަފުން ފުރަބަންދުވެ ތިބެ މަސައްކަތްކުރުމަށާއި ފެލިވަރުގައި ތިބުމަށް ހާއްސަ އިންތިޒާމުތަކެއް ރާވާފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ އެކުންފުންޏަކީ އަބަދުވެސް ކުއްލި ހާލަތްތަކުގައިވެސް ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެވޭ އެންމެ ފުރިހަމަ ހިދުމަތެއް މަސްވެރިންނާއި ރައްޔިތުންނަށް ދިނުމަށް އަހުލުވެރިވެފައިވާ މަސައްކަތުގެ މާހައުލެއް ގާއިމުވެފައިވާ ކުންފުންޏެއް ކަމަށެވެ.