ލަންކާގެ އާންމު އިންތިހާބަށް ތައްޔާރުވުމަށް މޮކް އިންތިހާބެއް ބާއްވައިފިއެވެ.
ކޮވިޑް ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލަންކާގައި އޭޕްރިލް މަހު ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އާންމު އިންތިހާބު ފަސްކޮށް އަންނަ އޮގަސްޓް މަހު ފަސް ވަނަ ދުވަހަށް ތާވަލް ކޮށްފައިވާއިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެގައުމުން އަންނަނީ ތައްޔާރުވަމުންނެވެ.
ވޯޓު ލުމުގައި ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގައި ހާއްސަ ގައިޑްލައިނެއް އެކުލަވާލައި އެގައިޑްލައިނަށް އަހުލުވެރި ކުރުމަށް މީގެ ކުރިން ވެސް ވަނީ މޮކް އިންތިހާބެއް ބާއްވާފައެވެ.
ލަންކާގައި އިއްޔެ ބޭއްވި މޮކް އިންތިހާބުގައި އެގައުމުގެ ހަތަރު ސަރަހައްދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓު ލައިފައި ވެއެވެ.
މޮކް އިންތިހާބު ކުރިޔަށް ދިޔައިރު ވޯޓު ލާން ދިޔަ ވޮލެންޓިއަރުން ވަނީ މާސްކު އަޅައި ދެމީހުން ދޭތެރޭ ތިން ފޫޓު ދުރުމިނަށް ސަފު ހެދުމުގެ އިތުރުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އަމިއްލަ ގަލަމާއި ފަންސުރު ބޭނުންކޮށްފައެވެ.
ވޯޓު ފޮށީގެ އޮފިޝަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފޭސް ޝީލްޑާއި ޕްލާސްޓިކް ސްކްރީން ބޭނުން ކޮށްފައެވެ. އަދި ވޯޓް ލާން ދާ މީހުން ޑިސްއިންފެކްޓް ކުރަމުންވެސް ދިޔައެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ލުމަށް އެސަރަހައްދަށް ދިޔަ ހުރިހާ ވޮލެންޓިއަރުންވެސް މާސްކް އަޅައިގެން ދިއުމުން ޝުކުރު އަދާކޮށްފައެވެ.