އެންޓި ކޮރަޕްޝަން ކޮމިޝަން

ފެނަކަ އިން ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އޭސީސީން އަންގައިފި

ފެނަކަ ކޯޕަރޭޝަނުން 20 ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އެ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އޭސީސީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ފެނަކައަށް އަންގައިފައެވެ.

އެ މައްސަލަ ބެލި ބެލުމުގައި އޭސީސީން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ދިވެހިރާއްޖޭގެ ރަށްތަކެއްގެ ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ގާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ސްރީލަންކާގެ ކުންފުންޏަކުން 27 ނޮވެންބަރު 2017ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަކާ ގުޅިގެން ފެށުނު މި މަޝްރޫއުގެ ފުރަތަމަ މުއާމަލާތްތައް ކޮށްފައިވަނީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދުކަމާއި އެ މުއާމަލާތްތަކުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅިގެން ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫއެސް ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ބޭންކްތަކާއެކު ކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ކުރާނީ އެ ކުންފުނިންކަމާއި އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ދައުރެއް އަދާނުކުރާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެ މަޝްރޫއާ ގުޅިގެން ރައީސް އޮފީހާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރުމަށްފަހު، މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ 20 ރަށުގެ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތްކަމާއި، ދެންނެވުނު 20 ރަށާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން އަންދާޒާކޮށްފައިވާ އަގަކީ 41,579,295.00 (ސާޅީސް އެއްމިލިއަން ފައްސަތޭކަ ހަތްދިހަނުވަހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ޔޫއެސް ޑޮލަރުކަމާއި، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 48,151,151.00 (ސާޅީސް އަށްމިލިއަން އެއްސަތޭކަ ފަންސާސް އެއްހާސް އެއްސަތޭކަ ފަންސާސް އެކެއް) ޔޫއެސް ޑޮލަރުކަމަށްވާތީ މި ދެ އަގުގައި ބޮޑު ފަރަގެއްހުރި ކަމަށް ފާހަގަކުރެވޭއިރު އެ ފަރަގު އައިސްފައި އެވަނީ އެ ކުންފުނިން ހުށަހެޅި އަގަކީ ފައިނޭންޝަލް ކޮސްޓް ހިމަނައިގެން ހުށަހަޅާފައިވާ އަގެއްކަމަށްވާތީ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ރައީސް އޮފީހުގައި ދަންނަވާފައިވާކަމާއި، މި ދެންނެވި 20 ރަށުގެ ތެރޭގައި ހިމެނޭ 10 ރަށެއް އުނިކުރުމަށްފަހު، އައު 10 ރަށް ހިމެނުމާ ގުޅިގެން ސްރީލަންކާގެ ކުންފުނިން ހުށަހަޅި ރިވައިޒްޑް އަގު 2,609,141.00 (ދެމިލިއަން ހަސަތޭކަނުވަހާސް އެއްސަތޭކަ ސާޅީސް އެކެއް) ޔޫއެސް ޑޮލަރު ބޮޑުވެފައިވީ ނަމަވެސް، އެ ބަދަލާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިން އަންދާޒާކުރި އަގު 3,334,231.00 (ތިންމިލިއަން ތިންސަތޭކަ ތިރީސް ހަތަރުހާސް ދުއިސައްތަ ތިރީސް އެކެއް) ޔޫއެސް ޑޮލަރު ކުޑަވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް މިކަމާ ގުޅިގެން އިތުރު މަޝްވަރާއެއް ރައީސް އޮފީހާއެކު ކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މިފަދަ މަޝްރޫއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން އަދި އެކަން ފިނޭންސް މިނިސްޓްރީއަށް އެނގޭނެއެވެ.

އެ މައްސަލަ ބެލިބެލުމުގައި އޭސީސީން ފާހަގަކޮށްފައިވާ ކަންކަން:

  • ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ދިވެހިރާއްޖޭގެ ރަށްތަކެއްގެ ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ގާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ސްރީލަންކާގެ ކުންފުންޏަކުން 27 ނޮވެންބަރު 2017 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަކާ ގުޅިގެން ފެށުނު މި މަޝްރޫއުގެ ފުރަތަމަ މުއާމަލާތްތައް ކޮށްފައިވަނީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދުކަމާއި އެ މުޢާމަލާތްތަކުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅިގެން ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫއެސް ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ބޭންކްތަކާއެކު ކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ކުރާނީ އެ ކުންފުނިންކަމާއި އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ދައުރެއް އަދާނުކުރާނެކަމަށް ބަޔާންކޮށްފައިވާކަން.
  • މި މަޝްރޫއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދު މުޢާމަލާތް ކުރުމަށްފަހު، މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ 20 ރަށުގެ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތްކަމާއި، ދެންނެވުނު 20 ރަށާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އަންދާޒާކޮށްފައިވާ އަގަކީ41,579,295.00 (ސާޅީސް އެއްމިލިއަން ފައްސަތޭކަ ހަތްދިހަނުވަހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ޔޫ.އެސް ޑޮލަރުކަމާއި، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 48,151,151.00 (ސާޅީސް އަށްމިލިއަން އެއްސަތޭކަ ފަންސާސް އެއްހާސް އެއްސަތޭކަ ފަންސާސް އެކެއް) ޔޫ.އެސް ޑޮލަރުކަމަށްވާތީ މި ދެ އަގުގައި ބޮޑު ފަރަގެއް ހުރި ކަމަށް ފާހަގަކުރެވޭއިރު އެ ފަރަގު އައިސްފައި އެވަނީ އެ ކުންފުންނިން ހުށަހެޅި އަގަކީ ފައިނޭންޝަލް ކޮސްޓް ހިމަނައިގެން ހުށަހަޅާފައިވާ އަގެއްކަމަށްވާތީ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވާފައިވާކަމާއި، މި ދެންނެވި 20 ރަށުގެ ތެރޭގައި ހިމެނޭ 10 ރަށެއް އުނިކުރުމަށްފަހު، އައު 10 ރަށް ހިމެނުމާ ގުޅިގެން ސްރީލަންކާގެ ކުންފުނިން ހުށަހަޅި ރިވައިޒްޑް އަގު 2,609,141.00 (ދެމިލިއަން ހަސަތޭކަނުވަހާސް އެއްސަތޭކަ ސާޅީސް އެކެއް) ޔޫ.އެސް ޑޮލަރު ބޮޑުވެފައިވީ ނަމަވެސް، އެ ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިން އަންދާޒާކުރި އަގު 3,334,231.00 (ތިންމިލިއަން ތިންސަތޭކަ ތިރީސް ހަތަރުހާސް ދުއިސައްތަ ތިރީސް އެކެއް) ޔޫއެސް ޑޮލަރު ކުޑަވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް މިކަމާ ގުޅިގެން އިތުރު މަޝްވަރާއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ކޮށްފައިނުވާކަން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހަޅާފައިވާ ގޮތަށް، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަދީފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މި މަޝްރޫޢުއާ ގުޅޭ އެއްވެސް ކަމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅާފައިނުވާކަމާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގުމުން އެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަޔާންކޮށް، އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައިވާކަން.
  • ފިނޭންސް މިނިސްޓަރުގެ މި ދެންނެވުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް 28 މޭ 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓަރަށް އަންގާފައިވާއިރު، މި އެންގުން އަންގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ގެ (ށ) ގައި ބަޔާންކުރާ "ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ" މަޝްވަރާ ހޯދުމަކާ ނުލައިކަން ފާހަގަކުރެވޭކަމާއި، މި އެންގުން އެންގުނުފަހުން، 20 ޖޫން 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަކަށް އެދި އެ އޮފީހުގެ ޕާރލިމެންޓްރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަނުން ފޮނުވާފައިވާ އޮފީސް ނޯޓުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެ އޮފީހުގެ އިކޮނޮމިކް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ހައްލުގެ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިނިސްޓީރިއަލް ކޮމިޓީއަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މި މަޝްރޫއާ ގުޅޭ ކަންތައްތައް ނިންމިދާނެކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވިކަމަށް ބަޔާންކޮށްފައިވާކަމާއި، މި އޮފީސް ނޯޓްގައި ރެކޮމެންޑްކޮށްފައިވާ ގޮތަށް މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލައި ހަމަ އެ ތާރީޚް (20 ޖޫން 2018) ގައި އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމާއި، މިދެންނެވި ނިންމުން ނިންމާފައިވަނީ ސްރީލަންކާގެ ކުންފުނިން މި މަޝްރޫޢުއަށް ހުށަހަޅާފައިވާ އަގުކަމުގައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫއެސް ޑޮލަރު އަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތަށް އެކަށީގެންވާ އަގެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ބުނާ ބުނުމަށް ރިއާޔަތްކޮށްގެންކަން މި ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނަކަމާއި، އަދި މި ނިންމުން ނިންމުމުގެ 02 ދުވަސް ކުރިން (18 ޖޫން 2018) ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 (އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށްގެންދިއުން) އަށް އިސްލާހުގެނެސްފައިވާއިރު، އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ އެ މަޝްރޫޢު ހިންގުމަށް “މާލީގޮތުންނާއި ފަންނީގޮތުން” އެކަށީގެންވާ ފަރާތެއްކަން ކަށަވަރުކޮށްފައި ނުވާކަން.
  • 20 ރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މިފަދަ މަޝްރޫޢުއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން، އަދި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެނގޭނެކަން.
  • 20 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރަން ނިންމާފައިވަނީ ފިނޭންސް މިނިސްޓަރ ދެއްވި ލަފައަކަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ އެ މަޝްރޫޢު ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ މި މަޝްރޫޢުއަކީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ މަޝްރޫއެއް ކަމަށްވާތީ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ލޯނެއް ނަގައިގެން އެ މަޝްރޫޢު ކުރިއަށްގެންދިއުންކަން.
  • ސަރުކާރުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނަމަ ދައުލަތުގެ ނަމުގައި ބޮޑު ލޯނެއް ނެގުމުން ދައުލަތުގެ ބޮރޮވިންގްސް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެންދާނެކަން.
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މާލީގޮތުން މިފަދަ ބޮޑު މަޝްރޫޢުއެއް ހިންގުމުގެ ޤާބިލުކަން ނެތް ކުންފުންޏެއްކަމާއި، މި ޕްރޮޖެކްޓްގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަށް މާލީގޮތުން ދެމެހެއްޓެނިވި ފައިދާ ނުކުރާނެކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ކޮށްފައިވާ މުޢާމަލާތްތަކުން އެނގޭތީ، މި ދަނޑިވަޅުގައި މިފަދަ ބޮޑު ލޯނެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ނަގައިފިނަމަ އެ ކުންފުންޏަށް ފައިދާކުރާނެ ޕްރޮޖެކްޓްތައް ކުރިއަށްއޮތްތަނުގައި ހިންގުމަށްޓަކައި އެކްސްޓަރނަލް ފައިނޭންސް ހަމަޖެއްސުމުގައި ނުހަނު ދަތިތަކާ ކުރިމަތިލައި، ކުންފުނި ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަން.
  • މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ އަގުގެ ވަކިވަކި ރަށްރަށަށް ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުތަކާއި މި މަޝްރޫއުގެ އަމަލީ މަސައްކަތްކުރާނެ ފަރާތްކަމަށް ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ދިވެހިރާއްޖޭގައި ކޮށްފައިވާ އަދި ކުރަމުންދާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކުގެ އަގުތަކާ އަޅާކިޔާއިރު 20 ރަށުގެ ނަރުދަމާގެ މަޝްރޫއުގެ ވަކިވަކި ރަށްރަށަށް ހުށަހަޅާފައިވާ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި، އެގޮތުން އެ މަޝްރޫއަށް ހުށަހަޅާފައިވާ އަގު ރަށަކަށް އެވަރެޖްކޮށް 2.53 (ދޭއް ޕޮއިންޓް ފަހެއް ތިނެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން (15.42 ގެ ރޭޓުން) ނަމަ 38,981,985.90 (ތިރީސް އަށް މިލިއަން ނުވަސަތޭކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ ފަހެއް ރުފިޔާ ނުވަދިހަ ލާރި) ޖެހޭކަމާއި މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކުގެ (8 ރަށުގެ) ރަށަކަށްޖެހޭ އެވްރެޖް އަގަކީ 0.90 (ސުމެއް ޕޮއިންޓް ނުވައެއް ސުމެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން (15.42 ގެ ރޭޓުން) ނަމަ 13,851,062.34 (ތޭރަ މިލިއަން އަށްސަތޭކަ ފަންސާސް އެއްހާސް ފަސްދޮޅަސް ދޭއް ރުފިޔާ ތިރީސް ހަތަރު ލާރި) ކަމަށްވާތީ އެ އަގަކީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫއުތަކުގެ އެވްރެޖް އަގުގެ ދެގުނަ ބޮޑު އަގެއްކަން ފާހަގަކުރެވޭކަމާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނޭކަމަށް ގަބޫލުކުރެވޭކަން.
  • 20 ރަށުގެ ނަރުދަމާގެ މަޝްރޫޢު 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރުގެ އަގަށް ކުރިއަށްގެންދިއުމަށް ފުރަތަމަ ނިންމިއިރު، ފައިނޭންޝަލް ކޮސްޓްގެ ބޮޑުބައެއް ކަމުގައިވާ ލޯނުގެ އިންޓަރެސްޓް ދައްކަންޖެހޭނީ ސްރީލަންކާގެ ކުންފުނިންކަން ފާހަގަކުރެވޭތީއާއި، ފަހުން މި މަޝްރޫޢުއަށް ބޭނުންވާ ލޯނު ނެގުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންމަތީގައި ކަމަށްވާތީ މި މަޝްރޫޢުގެ ރީޕޭމަންޓް ފައިސާ ބޭންކްތަކަށް ދައްކާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިންކަން އެނގޭތީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ލޯންގެ ގޮތުގައި ނަގާ ފައިސާގެ %117.06 އަނބުރާ ދައްކަންޖެހޭއިރު، ކޮސްޓް އޮފް ފައިނޭންސްގެ ބައެއްގެ ގޮތުގައި %17.06 އަށްވާ، 8,872,502.00 (އަށް މިލިއަން އަށްސަތޭކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ދޭއް) ޔޫ.އެސް ޑޮލަރު، ދިވެހި ފައިސާއިން (15.42 ގެ ރޭޓުން) އަދަދުކުރާނަމަ 136,813,980.84 (އެއްސަތޭކަ ތިރީސް ހަ މިލިއަން އަށްސަތޭކަ ތޭރަހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) ދައްކަން ޖެހޭނެތީ މިހާރު މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ސްރީލަންކާގެ ކުންފުނިން ވަކިވަކި ރަށްތަކަށް ހުށަހަޅާފައިވާ ޖުމުލަ އަގު ކަމުގައިވާ 50,560,293.00 (ފަންސާސް މިލިއަން ފައްސަތޭކަފަސްދޮޅަސް ހާސް ދުއިސައްތަ ނުވަދިހަ ތިނެއް) ޔޫއެސް ޑޮލަރަކީ ފައިނޭންސް ކޮސްޓް ހިމަނައިގެން އެ ކުންފުނިން ހުށަހަޅާފައިވާ އަގެއް ކަމަށްވާތީ، އެ އަގުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެކަމެއްކަން.
  • މިހާތަނަށް މި މަޝްރޫޢުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއި މި މައްސަލައާ ގުޅިގެން ތަހުގީގަށް ލިބިފައިވާ ލިޔުންތަކާއި ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިއާޔަތްކުރާއިރު، މި މަޝްރޫއަކީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބެލެވޭކަން.
  • މި މަޝްރޫއާ ގުޅިގެން މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ސްރީލަންކާގެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ ޓެކްނިކަލް އެގްރީމެންޓްގައި ކަމަށްވާތީއާއި، މި އެގްރީމެންޓްގެ ސެކްޝަން 5A – “ކޮންޑިޝަންސް އޮފް ޕަރޓިކިއުލަރ އެޕްލިކޭޝަންސް” އިން ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، މި ކޮންޓްރެކްޓްގެ މާއްދާތަކަށް ޢަމަލުކުރަން ފެށޭނީ 04 ކަމެއް ފުރިހަމަކުރުމުންކަމާއި އެކަންތައްތަކަކީ، (1) ކޮންޓްރެކްޓްގައި ސޮއިކުރުމާއި، (2) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންސޯޓިއަމް ބޭންކްތަކާއެކު ލޯން އެގްރީމަންޓްގައި ސޮއިކޮށް، އެގްރީމަންޓަށް ޢަމަލުކުރަން ފެށުމާއި، (3) ކޮންޓްރެކްޓަރ އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިނުމާއި، (4) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންޓްރެކްޓަރއަށް އެޑްވާންސް ޕޭމަންޓް ބޭންކް ޓްރާންސްފަރގެ ގޮތުގައި ދިނުންކަމަށް ބަޔާންކޮށްފައިވާއިރު، ތަހުގީގަށް މިހާތަނަށް ލިބިފައިވާ ލިޔުންތަކުން އެނގޭގޮތުގައި މިހާތަނަށް ފުރިހަމަކޮށްފައިވަނީ އިސްވެ ދެންނެވުނު ހަތަރު ކަންތަކުގެ ތެރެއިން (1) ކޮންޓްރެކްޓްގައި ސޮއިކުރުން އެކަނިކަމަށާއި، ބާކީ ތިން ކަމެއް ފުރިހަމަވެގެން މެނުވީ ސޮއިކޮށްފައިވާ ޓެކްނިކަލް އެގްރީމެންޓްއަށް ޢަމަލުކުރުން ލާޒިމް ނުވާކަން.