ކުއްލި ޚަބަރު

ރައީސް ވަހީދު އުޅުއްވަނީ ބާރާއި ނުފޫޒުން ޖޯރޭއަށް އަނިޔާދޭންކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އަނިޔާދިނުމަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.

ހަތެއް ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ހާދިސާއަށް އިޝާރާތް ކުރައްވައި، މެންބަރު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ޑިމޮކްރެޓިކް އިންތިހާބަކުން ހޮވާފައިވާ ރައީސުލް ޖުމްހޫރިއްޔާގެ ވެރިކަން، 7 ފެބްރުއަރީ 2012 ގައި ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމާ ހަވާލުވި، މުހައްމަދު ވަހީދު ހަސަންމަނިކާއި އާއްމު ރައްޔިތަކާ ދެމެދު އިއްޔެ ހެނދުނުގެ ވަގުތެއްގައި ދެބަސްވުމެއް ހިނގާފައިވާ ކަމަށެވެ.

އެ ދެބަސްވުމުގައި އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ހަމަލާދިން ކަމަށްބުނެ "ދޮގު ބުހުތާނުހަދައި ހަގީހަތާ މުޅިން ހިލާފަށް އިލްޒާމުތަކެއް އަޅުވައިގެން އެ އާއްމު ރައްޔިތު މީހާއަށް ރައީސް ވަހީދު ބިރު ދައްކާފައިވާހިނދު އަދި ބަޣާވާތަށްފަހު 8 ފެބްއެރުއަރީ 2012 ގައި ސުލްހަވެރިކަމާއެކު ހިނގާފައިދިޔަ އެތައްހާސް ރައްޔިތުންނަކަށް ފުލުހުންނާއި ސިފައިން ލައްވައި އަނިޔާކޮށް އެތައްބަޔަކަށް ހައްޔަރުކޮށްފައިވާ،" ކަމަށެވެ.

އެ އަނިޔާތައް ލިބުނު މީހުންގެ ތެރޭގައި، ރައީސް ވަހީދަށް ފުރައްސާރަ ކުރި، ޖޯރޭ ހިމެނޭއިރު އޭރު އޭނާއަށް ލިބުނު އަނިޔާތަކުގެ ވޭނާއި އުދާސްތައް ފިލައިގެން ނުގޮސް ދިގުލައި އިންސާފު ލިބިފައި ނުވާއިރު، "ޑރ. ވަހީދަށް މަގުމަތިން ބައްދަލުވެ އަނގައިން ބުނެލި ބަހަކަށް ލަފްޒަކަށްޓަކައި ދޮގާއި މަކަރުގެ ބަދުނާމެއް އަޅުވައިގެން ބާރާއި، ނުފޫޒުން ފުލުހަށް މައްސަލަ ހުށަހަޅައި އޭނާއަށް އަނެއްކާވެސް ނުހައްގުން އިތުރު އަދަބެއް އަނިޔާއެއް ދޭން މަސައްކަތް ކުރާތީ، ސަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅީ ކަމަށް،" ވެސް ބުނެފައި ވެއެވެ.