ރާއްޖޭގައި 92 އަހަރުގެ ދިވެއްސަކާއި 83 އަހަރުގެ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ދެ މީހުންނަކީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00) އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.
މި ދެ މީހުންނަކީ ވެސް ފިރިހެނުންނެވެ. މީގެ ތެރެއިން އުމުރުން 92 އަހަރުގެ މީހާއަކީ މިހާތަނަށް ރާއްޖޭގައި އެބަލި ޖެހުނު އެންމެ ދުވަސްވީ މީހާއެވެ. މީގެ ކުރިން ވެސް ރާއްޖޭގައި އުމުރުން 92 އަހަރުގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ބަންގްލަދޭޝް މީހުންނާއި ނުވަ ދިވެހިންނާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާ އަދި ތައިލެންޑުގެ މީހެކެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2035 އަށް އަރައިފައެވެ.
މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ. އަދި ގިނަ ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން ދަށުގައެވެ.
އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު 94 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 1311 އަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.