ކުއްލި ޚަބަރު

އޮފީސްތައް ހުޅުވަން ހުއްދަ އޮތަސް ގޭގައި ކުރެވޭ ފަދަ މަސައްކަތްތައް އެގޮތަށް އިންތިޒާމު ކޮށްދެއްވާ!: މަބްރޫކް

އޮފީސްތައް ހުޅުވަން ހުއްދަ އޮތަސް ގޭގައި ކުރެވޭ ފަދަ މަސައްކަތްތައް އެގޮތަށް އިންތިޒާމު ކޮށްދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާދަމާއިން ފެށިގެން ލޮކްޑައުންއަށް ދޭ ބޮޑެތި ލުއިތަކާއެކު އޮފީސްތަކަށް ދިއުމަށް ހުއްދަ ދިންނަމަވެސް، 60 އަހަރުން މަތީގެ ނުވަތަ ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހެއް ކަމުގައިވަނީ ނަމަ އޮފީހަށް ދިއުން އެހާ ރަނގަޅު ނޫން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޮފީސްތައް ހުޅުވަން ހުއްދަ އޮތަސް ގޭގައި ކުރެވޭ ފަދަ މަސައްކަތްތައް އެގޮތަށް އިންތިޒާމު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"60 އަހަރުން މަތީގެ މީހެއް ނުވަތަ ބޮޑު ބައްޔަކަށް ބޭސް ކުރަންޏާ އަދިވެސް އޮފީހަށް ދިއުން ރަނގަޅެއް ނޫން. އޮފީހުގައި މަސައްކަތް ކުރާއިރު އެކި ގަޑިގަޑީ އެކި މީހުން ގެނެސްގެން، ދެން ގޭގައި ކުރެވޭ މަސައްކަތެއް ނަމަ ގޭގައި ކުރެވޭނެ އިންތިޒާމުތައް އޮފީސް އޮފީހުގެ ވެރިންވެސް ރާއްވަވައިދެއްވުން،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އޮފީސް ބައްދަލުވުންތައް ބާއްވާއިރުވެސް އިޖުތުމާއީ ގައިދުރުކަން ބެހެއްޓުމާއި، އެފަދަ ފުރުސަތެއް ނެތް ނަމަ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް އިސްކަންދިނުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

މަބްރޫކް ވަނީ އޮފީހަށް ދާއިރުވެސް ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ.