ކުއްލި ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން

އިތުރު 22 މީހުން ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިްވީ މީހުންގެ އަދަދު 2035 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ މީހަކާއި ނޭޕާލުގެ ދެ މީހަކާއި ތައިލެންޑުގެ މީހެއް ކަމަށެވެ. އޭގެ ތެރޭގައި 83 އަހަރުގެ ދިވެއްސަކާއި 92 އަހަރުގެ ދިވެއްސަކު ވެސް ހިމެނެއެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ. އަދި ގިނަ ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން ދަށުގައެވެ.

އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު 94 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 1311 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.