ކުއްލި ޚަބަރު

އިތުރު ބަދަލެއް: އެއްވެސް ކަހަލަ ޑެލިވަރީއެއް ރޭގަނޑު 10:00 ގެ ފަހުން ނުކުރެވޭނެ

އަލީ ޔާމިން

އެއްވެސް ކަހަލަ ޑެލިވަރީއެއް ރޭގަނޑު 10:00 ގެ ފަހުން ނުކުރެވޭނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާދަމާއިން ފެށިގެން ރޭގަނޑު 10:00 އިން ފަތިހު 5:00އާ ހަމައަށް މަގުމަތީގައި މީހުން އުޅުމަކީ މަނާކަމެއް ކަމަށެވެ. އެހެންވެ ރޭގަނޑު 10:00 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކުރީގެ އުސޫލު އޮތް ގޮތަކީ ހެނދުނުން ފެށިގެން ރޭގަނޑު 11:00 ޖެހުމާ ހަމައަށް ޑެލިވަރީގެ ކަންތައް ކުރެވޭ ގޮތަށް. މިއަދު މިކަމަށް އައިސްފައި އޮތް ކުޑަ ބަދަލެއް އެއީ 10ގެ ފަހުން މަގުމަތީގައި މީހުން އުޅުން ހުއްޓުމަކަށް އަންނައިރުގައި 10:00 އިން ފެށިގެން އެއްވެސް ކަހަލަގެ ޑެލިވަރީއަށް ކުރިއަށް ނުގެންދާ ގޮތަށް،" މަބްރޫކް ވިދާޅުވިއެވެ.

ޑެލިވަރީ ކުރުމަށް ރޭގަނޑު 11:00އާ ހަމައަށް މިހާރު އޮންނަނީ ހުއްދަ ދީފައެވެ.

މާދަމާއިން ފެށިގެން މާލެ ހުޅުވާލާއިރު ހުއްދައަކާ ނުލައި އާންމުންނަށް ބޭރަށް ނުކުތުމަށް ހުއްދަދޭއިރު އޮފީސްތައް ހުޅުވުމަށްވެސް ވަނީ ހުއްދަ ދީފައެވެ.

މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދިން ނަމަވެސް ބޭރުގައި އުޅޭ ވަގުތު ވީހާވެސް މަދުކުރުމަށް އެންއީއޯސީން އިލްތިމާސްކުރެއެވެ. އަދި ބޭރުގައި އުޅޭއިރުވެސް މާސްކާއި އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އެ ސެންޓަރުން އިރުޝާދުދެއެވެ.