ހޯމް ކަރަންޓީންކުރާ މީހުން ކަރަންޓީނުން ދޫކޮށްލާނީ ޕީސީއާރު ޓެސްޓު ހެދުމަށްފަހު ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑު 19 ފެތުރޭތީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުން އެނބުރި ރަށްރަށަށް ގޮސް ގޭގައި ކަރަންޓީން ކުރުމުގައި އަމަލުކުރަން ޖެހޭނެ ކަންކަން ހިމަނައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފުރަތަމަ އުސޫލެއް އާންމުކުރީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލެއިން ރަށްރަށަށްދާ މީހުން ގޭގައި ކަރަންޓީނު ކުރާނީ 24 ދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން ކޮވިޑުގެ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެއެވެ.
ނަމަވެސް އެ އުސޫލަށް ބަދަލުގެނެސް އެޗްޕީއޭ އިން އިއްޔެ ނެރުނު އުސޫލުގައި ބުނެފައިވާ ގޮތުން ގޭގައި ކަރަންޓީނުކުރި ނަމަވެސް 24 ދުވަހަށްފަހު އެއްވެސް ޓެސްޓެއް ނަހަދާނެއެވެ. އަދި އެ މުއްދަތަށް ބަދަލު އަންނަނަމަ އެކަން ކުރިން އަންގާނެ ކަމަށް ބުނެފައިވެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ގޭގައި ކަރަންޓީނުކުރުމަށް ކުރިން ކަނޑައަޅާފައި އޮތް 24 ދުވަހުގެ ބަދަލުގައި އެ މުއްދަތު 14 ދުވަހަށް ބަދަލުކޮށް، އެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
"އަންދާޒާ ކުރެވެނީ މިހާރުގެ ތަޖުރިބާއަށް ބަލާއިރު ސާމްޕަލް ނަގާނީ 15 ވަނަ ދުވަހު. ދެން ރާއްޖޭގެ އެކިކަންކޮޅުތަކުން ނެގޭ ސާމްޕަލްވީމަ އަޅުގަނޑުމެން މި ބަލަނީ 15 ވަނަ ދުވަހު ނެގޭ ސާމްޕަލް އޭނަ ކަރަންޓީނަށްދާތާ 18 ވަނަ ދުވަހު ނަތީޖާތައް އެންގޭނެ ކަމަށް. ލަސްތަކެއް އުޅޭނެކަން އެނގޭ،" މަބްރޫކު ވިދާޅުވިއެވެ.
ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން، ގޭގައި ކަރަންޓީނުކުރާ މީހާ، ކަރަންޓީނުކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށާއި އަދި ގޭގެއަށް ޒިޔާރަތް ކުރުމާއި އެހެން މީހުންނާ އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.