ދުނިޔެ

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވެ ރޭލުތަކުގައި ވޯޑު ހަދައި ބަލިމީހުންނަށް ފަރުވާދެނީ

މުހައްމަދު އައުޒަމް

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވެ ރޭލުތަކުގައި ވޯޑު ހަދައި ބަލިމީހުންނަށް ފަރުވާދޭން ނިންމައިފިއެވެ.

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރި އެގައުމުގެ ހޮސްޕިޓަލުތަކަށް ނުކަތާ ވަރު ވުމުން މިހާރުވަނީ ދިއްލީގައި ކޮވިޑަށް ފަރުވާ ދޭ މީހުން އެޑްމިޓް ކުރުމަށް ރޭލުގެ ކެބިންތަކުގައި އެނދު ބަހައްޓައި ވޯޑުތަކަކަށް ބަދަލުކޮށް ފަރުވާ ދިނުމުގެ މަސައްކަތް ފަށައިފައެވެ.

ދިއްލީގެ އޮފިޝަލަކު ވަނީ 500 ރޭލު ކެބިން ބޭނުންކޮށްގެން 8000 އެނދު ކޮވިޑް ބަލިމީހުންނަށް ބޭނުން ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ބުނެފައެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ދިއްލީގައި އިތުރު ފިޔަވަޅުތައް އަޅައި ކޮވިޑަށް ޓެސްޓުކުރުން އިތުރުކޮށް ބަލިމީހުން ބައިތިއްބާނެ އިތުރު ތަންތަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގައި ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު ދުނިޔޭގެ އެންމެ ގިނައިން ކޮވިޑް ފެތުރޭ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނައިގައި އިންޑިއާ ވަނީ ހިމެނިފައެވެ.

އިންޑިއާގައި ބަލިމީހުން އިތުރުވުމުން އެގައުމުގެ 40 ހޮޓަލާއި 77 ބެންކުއެޓް ހޯލުގައި ބަލިމީހުން ބައިތިއްބައިގެން ފަރުވާ ދެމުން

އަންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

އިންޑިއާގައި ކޮވިޑްޖެހި މިހާތަނަށް ނުވަހާހަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.