ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލައިފިއެވެ.
ނޫމަޑިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ޑރ. މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި ވަނީ އަންގައިފައެވެ. އެ މައްސަލައިގައި ޑރ. މުއިއްޒު ދެ ފަހަރެއްގެ މަތިން ފުލުހަށް ވެސް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިންކަމުގެ ދައުވާ އުފުލައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހެޅީ އިއްޔެ ކަމަށެވެ.
އެގޮތުން ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީއެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ބާއްދާގެ (ބ)ގެ ދަށުން ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.