ޖަމާއަތް ނުހަދައި ނަމާދުކުރެވޭ ގޮތަށް މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލައިފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމުން މިސްކިތުގެ ޖަމާއަތް ފުރަތަމަ މެދުކަނޑާލާފައިވަނީ މާލެ ސަރަހައްދުގައެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ. އަދި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ހުރިހާ ރަށެއްގައި ވެސް މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ.
ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށާއި މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ހަމަވެފައިވާ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަދީފައެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ، މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާއަތް ހެދުމަކާނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ޓީމާއި ދީނީ އިލްމުވެރިން މިނިސްޓްރީއަށް ލަފާދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ހުޅުވާލައި، މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރުން އެންމެ ރަނގަޅު ކަމަށް ސާކިއުލާގައިވެއެވެ. ނަމަވެސް މިސްކިތްތައް ހުޅުވާލާއިރު ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަމާއި މިސްކިތަށް ނަމާދަށްދާ މީހުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
- ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- މިހާލަތުގައި އެއާކޯނު ބޭނުން ނުކުރުން
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ދުރުހެލިވުން
- މިސްކިތުގައިވާ ހަތިމުތައް ބޭނުން ނުކުރުން
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، މިގޮތަށް މިސްކިތްތައް ހުޅުވާލިކަމުގައި ވީނަމަވެސް އިމާމާ މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާގޮތަށް ހަމަޖެހިފައިނުވާތީ، އިމާމުން ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުން ދެ ފަހަރު ގޮވުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރުގެ ހާލަތަށް ރިއާޔަތްކުރެވިގެން ކަނޑައެޅިފައިވާ މިންގަނޑުތައް ނަމަވެސް ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގައި މަރުހަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހާލަތަށް ރިއާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭ އިން ކަނޑައަޅައިފި ހާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތަކެއް ދެމުންދާނެ ކަމަށް ވެސް ސާކިއުލާގައިވެއެވެ.