ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ

ނިއު ނޯމަލްއަށް އެއާޕޯޓުތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުނަށް މާދަމާއިން ފެށިގެން ސަރުކާރުން ދީފައިވާ ލުއިތަކާއެކު އިންޓަނޭޝަނަލް އެއާޕޯޓުތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ކަމާބެހޭ ފަރާތްތައް ހާޒިރު ކުރަން ނިންމައިފިއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުންއަށް މާދަމާއިން ފެށިގެން ލުއިދޭން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އއެޗްޕިއޭ) އިން ނިންމާފައިވާއިވާއިރު، އެއާއެކު އެއް ރަށުން އަނެއް ރަށަށް އެއްވެސް ހުރަހެއް ނެތި ދަތުރު ކުރެވޭނެ ގޮތް ހަދައި، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވާލަން ވެސް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.

މިދިޔަ ބުރާސްފަތިދުވަހުގެރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އެލުއިތަކާއެކު ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވާލައި އެތެރޭގެ ދަތުރުތައް ފަށަން ލަފާ ދީފައިވާ އެޗްޕީއޭއިން ލަފާދީފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް މީހުންނަށް ދަތުރުކުރެވޭނީ ބަލި ނެތް ރަށްރަށުގެ މެދުގައެވެ.

އެކަމާގުޅިގެން ރާއްޖޭގެ އެއާޕޯޓުއް ތައްޔާރުވެފައިވާ މިންވަރު ބެލުމާބެހޭގޮތުން އެސްއޯއީ ކޮމިޓީގައި މިއަދު ކުރިޔަށްދިޔަ ބައްދަލުވުމުގައި، ކަމާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގެ ކަންތައްތަކާއި، ރަންވޭ ރަނގަޅުތޯ ބެލުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ގަން އެއާޕޯޓްގެ ކަންތައް ބެލުމަށް އެސްއޯއީ ކޮމީޓީންވަނީ ސަބް ކޮމިޓީއެއްވެސް އުފައްދައިފައެވެ. އެކޮމިޓީން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ރިޕޯޓެއް އެކުލަވާލައިފައެވެ. ދެން އެ ރިޕޯޓް ހުށަހަޅާނީ އެސްއޯއީ ކޮމިޓީއަށެވެ.