ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުން ފުޅު ހުރީ ބަރުލަމާނީ ނިޒާމަކަށް ނަމަވެސް އެ ނިޒާމަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ، އެ ނިޒާމުން ރައްޔިތުންގެ އަތުގައި އޮންނަ އެންމެ ބޮޑު ބާރު ނިގުޅައިލެވިގެންދާނެ ކަމަށް ރައްޔތުންގެ މަލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިިމް ޝަރީފް ވިދާޅުވެއްޖެއެވެ
"ވަން އޮންލައިން،" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވާހަކަ ދައްކަވާ ކަަމށެވެ.
ނަމަވެސް އެއީ ގައުމުުގެ މަސްލަހަތުގައި ދައްކާ ވާހަކަތަކެއްނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް ވާހަކަ ދައްކަވާ މެންބަރުންނަކީ، މަޖިިލިސް މެންބަރުކަމުުގެ އިތުރުން، މިނިސްޓަރުކަން ބޭނުންވާ މެންބަރުން ކަމަށްވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
"އެ މެންބަރުން ބޭނުން ވަނީ މިނިސްޓަރުކަން، އެމީހުން ގަބޫލު ކުރަނީ އެމީހުން މިނސްޓަރުކަމުގައި ތިބެގެންނޭ ހުރިހާކަމެއްވެސް ރަނގަޅު ކުރެވޭނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ، ގައުމުގައި ހުންނާނެ ވެރިޔަކު ހޮވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލިގެންދާނެ ކަަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ތެރެއިން ރައްޔިތުންނަށް ލިބޭ ވަރަށް މުހިއްމު، އަދި ވަރަށް ބޮޑު ބާރެއް ކަމަށާއި،، ރައްޔިތުންނާ ހިސާބަށް ސަލާމާ ހިނގައި، ވައުދުތަކާއެކު ރައްޔިތުންނާ ހަމަޔަށް ދާން ޖެހޭ ފުރުސަތަކީ އެއީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ރިޔާސީ ނިޒާމުގައި ގައުމުގެ އެންމެ އިސް ވެރިޔާ ވޯޓު ލައިގެން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް އޮވޭ، ބަރުލަމާނީ ނިޒާމުގައި އެފުރުސަތެއް ނޯވޭ، ސަރުކާރުގެ އިސްވެރިޔާ، ޕްރައިމް މިނިސްޓަރު އަދި ޕްރެޒިޑެންޓް ވެސް ހޮވަނީ މަޖިލީހުން، އެހެންކަމުން މިހާރު ރައްޔިތުންގެ އަތުގަ، އޮތް ބާރެއް ރައްޔިތުން ދޫކޮށްލަންވީ ކީއްވެތޯ؟،" ޝަރީފް ސުވާލު ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އަމިއްލަ ފައިދާއަށް ބަލައިފިނަމަ އޭނާއަށްވެސް ރަނގަޅީ، ބަރުލަމާނީ ނިޒާމު ކަމަށެވެ. އޭރުން މިނިސްޓަރުކަމުގެ މުސާރަ އާއި މަޖިލިސް މެންބަރުކަމުގެ މުސާރަ ލިބޭނެ ކަމަށާއި، ޖަވާބުދާރީ ކުރުވުމެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވަނީ ގައުމުގެ މަސްލަހަތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު މިވާހަކަ ދައްކަނީ ގައުމުގެ މަސްލަހަތުގައި، އަޅުގަނޑަށް ޕާސަނަލީ، އިބްރާހިމް ޝަރީފް މަރަދޫ ދާއިރާގެ މެންބަރަށް އެންމެ މޮޅީ ކޮން ގޮތެއްތޯ ބަލާއިރު، ބަރުލަމާނީ އޮތް ނަމަ ވޭތުވެދިޔަ 10 އަހަރުވެސް އަޅުގަނޑު ހުންނާނިީ މިނިސްޓަރުކަމުގެ މަގާމުގައި. މިހާރު އެ ނިޒާމު އައިއްސިއްޔާ ހަމަ ގައިމުވެސް ކުރިއަށް އޮތް ހަތަރު އަހަރު ހުންނާނީ މިނިސްޓަރުކަމުގައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ބަރުލަމާނީ ނިޒާމް އޮންނަ ބައެއް ގައުމުތަކުގައި، ސަރުކާރުގެ މަގާމުތަކަށް ކަނޑައަޅާފައި އޮންނަނީ މަޖިލީހުގެ 20 ޕަސެންޓް ކަމަށެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ފަސްސަތޭކައަށްވުރެ ގިނަ މެންބަރުން ހިމެނޭއިރު، އެތަނުގެ 20 ޕަސެންޓް ސަރުކާރުގައި މަސައްކަތްކުރާއިރު ދެން ތިއްބަވާ މެންބަރުންނަކީ ސަރުކާރު ޒިންމާދާރުކުރުވަން ތިއްބަވާ ފަރާތްތައް ކަމަށާއި އެވަރުންވެސް އެކަން ނުރެވޭކަމަށް ޝަރީފް ވިދާވިއެވެ.
ރާއްޖޭގެ މަޖިލީހަށް ބަލާއިރު، ބަރުލަމާނީ ނިޒާމަކަށް ގޮސްފިނަމަ، މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރު ކަމާއި ސިޔާސީ މަގާމުތައް ހޯދުމުގައި މެންބަރުން ވާދަވެރިކަން ބޮޑުވެ މުޅި ޕާޓީވެސް ފުނޑިގެން ހިނގައިދާނެކަަމަށް ޝަރީފް ވިދާޅުވިއެވެ.
"ރާއްްޖޭގައި އޮތް މިކްސް ސިސްޓަމް ކަމު ނުގޮސްގެން ރައްޔިތުން، ރިޔާސީ ނިޒާމް އިހުތިޔާރު ކުރީ ބަރުލަމާނީ ނިޒާމް ރާއްޖޭގެ ހާލަތާ ނުގުޅޭތީ، މަޖިލިސްގައި ތިބި އިދިކޮޅު ނުވަ މެންބަރުން ފިޔަވައި އެންމެނަށް މިނިސްޓަރުކަން ދޭނީ ކިހިނެ؟، ކޮންމެ މެންބަރަކު ބޭނުންވާނީ މިނިސްޓަރުކަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މިހާރު ގާނޫނުއަސާސީ އޮންނަ ގޮތުން، ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ. ނަމަވެސް އެނިޒާމް ގެންނަން މަޖިލީހުން އަދި ފާސްނުކުރެވިގެން އުޅެނީ، އެކަމަށް މެޖޯރިޓީ ނެތުމުން ކަމަށް ބެލެވޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީގެ ތެރޭގައި ވެސް އެބައުޅޭ ބަރުލަމާނީއަށް ވަރަށްބޮޑަށް ތާއީދުކުރައްވާ ބޭފުޅުން، ނަަމަވެސް މެޖޯރިޓީއެއް އަދި ނުލިބިގެންހެން ހީވަނީ ވޯޓަށް ނޭހިގެން އުޅެނީ،" ޝަރީފް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި މިހާރު އޮތް ނަމަވެސް، ގާނޫނުއަސާސީ އިސްލާހު ކުރަން ބޭނުންވާ ވަރަށް އެމޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ވަނީ ލިބިފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާބެހޭ އަޑު ގަދަވެފައިވާއިރު އެކަމަށް ބައެއް މެންބަރުން ދަނީ ފާޅުގައި ގޮވާލައްވަމުންނެވެ.