ކުއްލި ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ވަހީދު އަދި އަނބިކަނބަލުންނާ މަގުމަތީން ދިމާކޮށް އަވަގުރާނަ ގޮވައިފި

2

އެމްޑީޕީގެ އެކްޓިވިސްޓަކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަދި އެމަނިކުނުގެ އަނބިކަނބަލުންނާ މަގުމަތީން ދިމާކޮށް އަވަގުރާނަ ގޮވައިފި ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު މީގެ އިރުކޮޅެއް ކުރީން ވިދާޅުވީ. މިހާދިސާ ހިނގީ މިއަދު ހެނދުނު 6:30 ހާއިރު ދަރުބާރުގޭ ބިއްދޮށުން އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ. އެހެން ނަމަވެސް އަވަގުރާނަ ގޮވި މީހާ އެމަނިކުފާނާއި އަނބިކަނބަލުން ފަހަތުން ބުރިޖާއި ހިސާބަށް ވެސް ދިޔަކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާއި އަންހެނުން އިލްހާމް ނުކުތީ ކަސްރަތުކޮށްލަން. ދެ ސެކިއުރިޓީންވެސް އަޅުގަނޑުމެން ކައިރީ ތިބި. ދެ ނޭނގެ އެ އައި މީހަކު އަޅުގަނޑާ ދިމާއަށް "ހރނބކއޓށ" ގޮވައި، ކަޅުކާޅޭ ކިޔާފަ ގޮވައި ގައުމު ބަނޑުއަޅާލީއޭ ކިޔައި ގަޔާދިމާއަށް އައީ. ވަރަށް ހަޑި ހުތުރު ބަހުން އެތައް އެއްޗެއް ކިޔަމުން އަޅުގަނޑު ހިނގައިގަތީމަ އިލްހާމްގެ ފަހަތުން ވެސް އައި. އުސްފަސްގަނޑުން ފެށިގެން ބުރިޖާ ހަމަޔަށް ވެސް އައި." ރައީސް ޑރ. ވަހީދު ވަން އަށް ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު އަރިހުގައި ތިބި ސިފައިން އެކަން ފުލުހުންނަށް އެންގި ކަމަށެވެ. އެހެންނަމަވެސް އެތަނުގައި އިތުރަށް ވީ 10 ވަރަކަށް މިނެޓު ކަމަށާއި ގެޔަށް ވަޑައިގެންނެވި އިރު ފުލުހުން ނުދާ ކަމަށެވެ. އެސަރަހައްދަށް އެވަގުތު މީހުންވެސް އެއްވި ކަމަށާއި އެންމެންވެސް ތިބީ ހައިރާން ވެފައި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އެތަނުގައި ތިބި މީހުން ކައިރީ އެހީމަ ބުނީ އެއީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށް. ނަމަކީ ޖޯރޭ ކަމަށް. އަޅުގަނޑެއް ނުދަންނަން. އޭނަ ކައިރީ އެހެން މީހަކުވެސް ހުރި. ބުރިޖާ ވީކޮޅަށް އަޅުގަނޑުމެން ހިނގައިގަތީމަ އެމީހުން އައީ ސައިކަލުގަ." ރައީސް ވަހީދު ވިދާޅުވި އެވެ.

މިހާދިސާ ހިނގިކަން ރައީސް ވަހީދު ވަނީ ޓުވީޓުވެސް ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ޓުވީޓުގައި ފުލުހުން ޓެގްކުރައްވާފައި ވެއެވެ. މި ޓުވީޓު މީގެ ގަޑިއެއްހާއިރު ކުރީން ފުލުހުންގެ މީޑިއާ ގުރޫޕުގައި ހިއްސާކޮށްފައި ވެއެވެ. އެހެން ނަމަވެސް ފުލުހުން އަދި ވަކި ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

ރައީސް ވަހީދުގެ ޓުވީޓާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މި އަމަލު ކުށްވެރިކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟