ކުއްލި ޚަބަރު

ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ލީކުވީ ބޭންކަކުން ނޫން، އިންޓަނެޓް ވިޔަފާރިކުރާ ވެބްސައިޓުތަކުން: ބީއެމްއެލް

ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ލީކުވީ ބޭންކުން ނޫން ކަމަށާއި އެ މައުލޫމާތުތައް ލީކުވީ އިންޓަނެޓް ވިޔަފާރިކުރާ ވެބްސައިޓުތަކުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިވަނީ 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވަމުން ދަނިކޮށެވެ.

ބީއެމްއެލުން ބުނީ ބޭންކުގެ ތެރެއިން ކާޑުގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށާއި ނަމަވެސް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވެބްސައިޓުތަކުން އިންޓަނެޓް ވިޔަފާރިކޮށްފައިވާ 350 ކާޑެއްގެ މައުލޫމާތު ލީކުވެފައިވާ ކަމަށެވެ. އަދި އެފަދަ ވެބްސައިޓުތަކުން ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭންކުތަކުގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާކަން ވެސް ބީއެމްއެލުން ފާހަގަކުރިއެވެ.

ވެބްސައިޓުތަކުން އިންޓަނެޓް ވިޔަފާރިކޮށްފައިވާ 350 ކާޑެއްގެ މައުލޫމާތު ލީކުވެފައިވާ ކަމަށާއި އެކަން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ކުރިމަތިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ކާޑުގެ މައުލޫމާތުތަކަކީ އެ ބޭންކުން ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ މައުލޫމާތުތަކެއް ކަމަށާއި އެކަމާ ގުޅޭ ޝަކުވާތައް އަބަދުވެސް ތަހުގީގުކުރާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލުން ބުނީ އެ 350 ކާޑު މިހާރު ޑީއެކްޓިވޭޓްކޮށްފައިވާނެ ކަމަށާއި އެ ކަސްޓަމަރުންނަށް އާ ކާޑުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވެބްސައިޓުތަކުން ކާޑުގެ މައުލޫމާތުތައް ލީކުވި ނަމަވެސް، އެއްވެސް މާލީ ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.