ގެސްޓްހައުސްއަކަށް ގެންގޮސް 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ކަމަށެވެ. ކުރިމިނަލް ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނި ގޮތުގައި، ރޭ ކޯޓު އަމުރެއްގެ ދަށުން އަނީސް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. އަދި ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަނީސްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން ސީޕީ އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓައިދޭން ޕީޖީގެ އަރިހުން ސީޕީ އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ފުލުހުން އަބަދުވެސް އަންނަނީ، ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމުންނެވެ. އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މައުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 3000600 ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން އެދެއެވެ.