ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ފޯރަމެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓެޖުން ކުރި ޓުވީޓެއްގައިވާ ގޮތުގައި އާންމުންނަށް ހުޅުވަލައިގެން ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދަނީ ރަސްރަނި ބަގީޗާގައެވެ. މި ފޯރަމަކީ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ.
ލިލީމަގު ކަންމައްޗަކަށް ސަލްޓަން ޕާކާއި އިންވެގެން ހުރި ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރު ނަގާފައިވަނީ ކުރީގެ ސަރުކާރުން ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އޭރު ސަރުކާރުން ބުނަމުން ދިޔައީ ކަޅުވަކަރު މިސްކިތް ގދ.ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އަލުން ރާވައި ހުޅުވާނެ ކަމަށެވެ.