ކުއްލި ޚަބަރު

ކޮވިޑު ފެތުރޭ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް ސްޓޭބަލް ވެފައި: ޑރ. ނަޒްލާ

ކޮވިޑް 19 ފެތުރޭ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް ސްޓޭބަލް ވެފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާރުގެ ޑޭޓާއަށް ބަލާއިރު ރާއްޖެއިން ކޮވިޑް 19ގެ ކޭސްތައް ފެންނަ ވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

"މިހާރުގެ ޑޭޓާއަށް ބަލާއިރު ސްޓޭބަލް ކަމަށް މި ބެލެވެނީ. ފުދޭވަރަކަށް ޓެސްޓު އެބަ ކުރެވޭ. ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. އޭގެ އިތުރުން ކޮމިއުނިޓީ ތެރެއިން އެކްޓިވް ސަވައިލަންސް ވެސް ކުރިއަށް އެބަދޭ. މިހާރު ފެންނަ ފެނުމަށް ކޮންމެވެސް ވަރަކަށް ސްޓޭބަލްވެފައި މިއޮތީ ބަލި ހުރި މިންވަރު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ސްޓޭބަލްވި ނަމަވެސް މާލޭގެ އެލާޓް ލެވެލް އަދިވެސް އޮތީ ރަތުގައި ކަމަށެވެ. އެއީ މިހާރު ނަގަމުން އަންނަ އެކްޓިވް ސަވައިލަންސްތަކުގެ ބައެއް ސާމްޕަލްތައް ޕޮޒިޓިވަމުން އަންނާތީ، މާލޭގައި އަދިވެސް ކޮމިއުނިޓީ ޓްރާންސްމިޝަނެއް އޮތްކަން ފާހަގަކުރެވޭތީ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް 19 ޖެހިފައި ހުރި މީހަކު ފެނުމާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް، އެލާޓް ލެވެލް ވަނީ ރަތަށް ބަދަލުކޮށްފައެވެ. މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަދިވެސް އުވާލާފައިނުވާއިރު އަންނަ ހޯމަ ދުވަހަށް ލޮކްޑައުންގައި މާލެ ސަރަހައްދު އޮންނަތާ ދެ މަސް ދުވަސްވާނެއެވެ.