ގެސްޓްހައުސްއަކަށް ގެންގޮސް 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ އިރު، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން ސީޕީ އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓައިދޭން ޕީޖީގެ އަރިހުން ސީޕީ އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.