ދުނިޔެ

ސައުދީން މިއަހަރުގެ ހައްޖު ކެންސަލް ކުރުމާމެދު މަޝްވަރާ ކުރަނީ

މުހައްމަދު އައުޒަމް

ސައުދީން މިއަހަރުގެ ހައްޖު ކެންސަލް ކުރުމާމެދު މަޝްވަރާ ކުރަން ފަށައިފިއެވެ.

މިއަހަރުގެ ހައްޖު މޫސުމާ ކުރިމަތިލާއިރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުން ދާތީ، މިއަހަރުގެ ހައްޖާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ސައުދީގެ ހައްޖާއި އުމްރާ އާ ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ މަހު ފަހުކޮޅު ހައްޖު މޫސުން ފެށޭއިރު، ސައުދީން އެގައުމުގެ ބޯޑަރު އަދި ހުޅުވާފައެއް ނުވެއެވެ. ބައެއް ގައުމުތަކުން މިހާރުވެސް ވަނީ މިއަހަރުގެ ހައްޖަށް އެގައުމުތަކުން މީހުން ދަތުރު ނުކުރާނެކަމަށް ބުނެފައެެވެ.

ހައްޖު މޫސުމަކީ ސައުދީގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާ މޫސުމެކެވެ. ކޮވިޑްގެ ސަބަބުން އެގައުމުގެ އިގްތިސާދަށް 12 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް ވަނީ ލަފާ ކުރެވިފައެވެ.

ސައުދީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު އެގައުމުން ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުން ދާކަމަށް އޮފިޝަލުން ބުނެއެވެ.

ސައުދީގައި މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 893 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.