މާލޭ ގެސްޓް ހައުސްއެއްގައި ރޭޕްކުރި 11 އަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.
މިދިޔަ ބުދަ ދުވަހު 11 އަހަރުގެ ކުއްޖަކު މާލޭ ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން 38 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައެވެ.
ސީޕީ ހަމީދު މިއަދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް ޕީޖީގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގެ ދަށުން އެފަދަ އަމުރަކަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ސީޕީ ފާހަގަކުރައްވާފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ (ހ) ގައި ބުނެފައިވަނީ، އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، އެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރު އޮފް ޕޮލިހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ގާތުން އެދެވިދާނެ ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެފަދަ އެދުމެއް ކޮމިޝަނަރު އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސެކިއުޓާ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއެކު ކުދިން ތަންތަނަށް ނުފޮނުވުމާއި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުނާއި ޖެންޑާ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
އެގޮތުން އެފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ފޯން 3000600 ނުވަތަ 9790163 އަށާއި ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް އެދެއެވެ.