ޗައިނާގައި ކޮވިޑްގެ ފެތުރޭކަން ފަޅާއަރުވާލި ޑޮކްޓަރުގެ އަންހެނުން ވިހައިފިއެވެ.
އޭނާއަކީ ވުހާންގެ ހޮސްޕިޓަލެއްގެ ލޮލުގެ ޑޮކްޓަރެކެވެ. މިދިޔަ ޑިސެމްބަރުމަހު އޭނާއަށް ފާހަގަ ކުރެވުނު ކަންކަން އެހެން ޑޮކްޓަރުންނާ ހިއްސާ ކުރިއެވެ. އެމީހުންގެ ޑޮކްޓަރުންގެ ގްރޫޕުގައި ސާސް ފަދަ ގައިން ގަޔަށް އަރާ ނުރައްކާތެރި ކަމެއް ފާހަގަކުރެވޭކަމަށް ބުނެ ހުރިހާ އެންމެވެސް ފަރުވާ ދިނުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދުނެވެ. ނަމަވެސް ދޮގު ހަބަރު ފަތުރާ ކަމަށްބުނެ ޗައިނާގެ ފުލުހުން އޭނާ ހައްޔަރުކުރިއެވެ.
ޑރ ލީގެ އަންހެނުން ފޫ ޒުއޭޖީ ވަނީ ވިހެއުމާއެކު ތުއްތު ދަރިފުޅުގެ ފޮޓޯއެއް ވަޓްސް އެޕް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ. އަދި މެސެޖުގައި ވަނީ އެއީ ލީގެ އެންމެ ފަހުގެ ހަދިޔާ ކަމަށް ބުނެފައެވެ. ފޫ ޒުއޭޖީ ވަނީ އެދެމީހުން ގެ ދެދަރިންނަށް ލޯބި ދީ ރައްކާތެރިގޮތުގައި ބަލާނެކަމަށް ބުނެ މެސެޖުގައި ވައުދުވެފައެވެ.
ފޫ ޒުއޭޖީ ވަނީ އޭނާގެ ފިރިމީހާގެ މަރާ އެކު އުޅެން ޖެހުނީ ވަރަށް ދަތިހާލުގައި ކަމަށް ބުނެފައެވެ. ސިއްހީ މައްސަލަތައް ދިމާވާން ފެށުމުން ބަނޑުގައި އޮތް ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ފޫ ޒުއޭޖީ ވަނީ ވަގުތީގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކޮށްފައެވެ.
ފިރިމީހާއަކީ ވަރަށް ޒިންމާދާރު މީހެއްގެ ގޮތުގައި ފޫ ޒުއޭޖީ ސިފަ ކޮށްފައިވެއެވެ. ޑރ ލީ ގެ މަރުގެ އެއްވެސް ވާހަކައެއް އެމީހުންގެ ދޮށީ ދަރިޔަށް އަދިވެސް ހިއްސާ ކޮށްފައި ނުވެއެވެ. މީޑިއާއިންވެސް އާއިލާގެ މެމްބަރުންނަށް މިދަނޑިވަޅުގައި ވަގުތު ދިނުމަށް ފޫ ޒުއޭޖީ އެދިފައިވެއެވެ.
އެ ޑޮކްޓަރު ކޮވިޑް ޖެހިގެން މަރުވެފައިވާއިރު ސަރުކާރުން ވަނީ އޭނާ އަށް ހީރޯއެއްގެ ލަގަބު ދީފައެވެ. ލީ މަރުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ.