ކުއްލި ޚަބަރު

11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ޖިންސީ ޝިކާރައަކަށްވި ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.

އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރިއިރު، އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް، އެކުއްޖާ ރޭޕްކުރި މައްސަލައެއް މިދިޔަމަހު ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން ބުނެފައިވަނީ، އެކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅުމުން އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ އިތުރު މީހަކާއެކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން ކަމަށެވެ.

އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. ކުށުގެ ރެކޯޑް އޮންނަ އެ މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށާއި ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން ތަހުގީގުން ބެލިބެލުމުން ކުޑަ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނިކަން އެނގިފައިވާ ކަމަށެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއެކު ކުދިން ތަންތަނަށް ނުފޮނުވުމާއި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

އެގޮތުން އެފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ފޯން 3000600 ނުވަތަ 9790163 އަށާއި ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް އެދެއެވެ.