ކުއްލި ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 27 މީހުން

އިތުރު 27 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2003އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ 12 މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ. އެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

މިއަދު ވަނީ މާލެއިން އައްޑޫއަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީނުގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އައްޑޫ އެކުއަޓޯރިއަލްގައި ކަރަންޓީނުގައި ހުރި އެމީހާއަކީ އުމުރުން 65 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ 15 ދުވަސް ވުމުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން މައުލޫމާތުދެއެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ. އަދި ގިނަ ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން ދަށުގައެވެ.

އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު 40 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 1193 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.