މާރިޔާ އަހްމަދު ދީދީ

އިމަޖެންސީގައި އެއް ނަމްބަރަކުން ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމްކުރަންޖެހޭ: ޑިފެންސް މިނިސްޓަރު

ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ބޭރު ގައުމުތަކުގައި އަމަލުކުރާ އުސޫލުން އެއް ނަމްބަރު އިހްތިޔާރު ކުރެވޭނެ ގޮތެއް ހޯދަންޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެގެން މިއަދު ކުއްޖަކު ނިޔާވެފައި ވަނިކޮށް މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބޭރު ގައުމުތަކުގައި އަމަލުކުރާ އުސޫލުން ރާއްޖޭގައި ވެސް އެމަޖެންސީ ކަންކަމުގައި އެއް ނަމްބަރަކަށް ގުޅައިގެން ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

އަދި ސިމެންތި ބަސްތާ ވެއްޓުނު މައްސަލަ ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެެވެ.