މާލެއިން އައްޑޫއަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީނުގައި މީހެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މައުލޫމާތު ދިން ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 65 އަހަރު ދިވެހި އަންހެނެއްކަމަށެވެ.
އަންހެން މީހާ ހުރީ އައްޑޫ އެކުއަޓޯރިއަލް ގައި ކަރަންޓީނުގައި އޭނާގެ މާމަ ދަރިފުޅާއެކު ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މިއަންހެންމީހާގެ މާމަ ދަރިފުޅުވެސް ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި، އޭނާގެ ނަތީޖާ ނެގަޓިވް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ 15 ދުވަސް ވުމުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މި އަންހެން މީހާގެ ހާލު ސްޓޭބަލް ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި 1976 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރެއިން 1153 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.