ކުއްލި ޚަބަރު

ޖުލައިގައި ލުއި ދޭ އިރުވެސް، އެއްވެ އުޅެވޭނީ ގިނަވެގެން 10 މީހުންނަށް

އަލީ ޔާމިން

ޖުލައިގައި ލުއި ދޭ އިރުވެސް، އެއްވެ އުޅެވޭނީ ގިނަވެގެން 10 މީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު ހަރަކާތް އިތުރުވާނެ ލުއިތައް ދޭން ނިންމާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން އެއްތަނަކަށް އެއްވެ އުޅުމުގެ ފުރުސަތު ގިނަވެގެން 10 މީހުންނަށް ދެވޭނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.

"އަންނަ މަހުން ފެށިގެން އާންމުން އެއްވެ އުޅޭ ނަންބަރު ކުޑަކޮށް އިތުރުކުރެވިގެންދާނެ. އެގޮތުން 10 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ ގޮތަށް. އޭގެ އިތުރުން ސްކޫލުތަކާއި ސަރުކާރު އޮފީސްތަކާއި، ޓޫރިޒަމް ދާއިރާގެ ކަންކަމާއި އަދި އިންޓަނޭޝަނަލް އެއާޕޯޓާއި ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންކަން އެކަމާ ބެހޭ މިނިސްޓްރީތަކާ ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ހުޅުވިގެންދާނެ ކަމަށް،" ޝައިނާ ވިދާޅުވިއެވެ.

ޝައިނާ ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންވެސް ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ހުއްދައަކާ ނުލައި ބޭރުގައި އުޅުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި ބޭރުގައި އުޅުނަސް ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.