ޖިމްތަކާއި ސްޕާ އަދި ސެލޫންތައްވެސް އަންނަ މަހު ހުޅުވައިލުމަށް ނިންމައިފިއެވެ.
މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު އެންމެ ފުރަތަމަ ބަންދުކުރި ވިޔަފާރިތަކުގެ ތެރޭގައި ޖިމްތަކާއި ސެލޫންތަކުގެ އިތުރުން ސްޕާތައް ހިމެނެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި އާންމު ހަރަކާތްތައް އިތުރުވާނެ ގޮތަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖިމްތަކާއި ސެލޫންތަކުގެ އިތުރުން ސްޕާ ފަދަ ތަންތަން ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.
"ޖިމްތަކާއި ރެސްޓޯރެންޓްތަކުގެ ހިދުމަތް އެތަނުގައި ތިބެގެން ހިދުމަތް ހޯދާ އުސޫލު އަދި ސެލޫން، ބޯކޮށާ ތަންތަން ސްޕާ ފަދަ ތަންތަންވެސް ޖުލައި މަހު ހުޅުވޭނެ އިންތިޒާމުވެސް ގާއިމުކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިނާ ވިދާޅުވީ، އަންނަ މަހުން ފެށިގެން 10 މީހުންނަށް ވުރެ ގިނަ ނުވާނެހެން އެއްވެ އުޅުމުގެ ފުރުސަތު ދޭނެ ކަމަށާއި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމުގެ ފުރުސަތުވެސް އަންނަ މަހު ލިބިގެންދާނެ ކަމަށެވެ.
ކޮވިޑުގެ ސަބަބުން ހުއްޓިފައި އޮތް ފަތުރުވެރިކަންވެސް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.