އަލީ ޔާމިން
އަންނަ މަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ފަތުރުވެރިކަން ހުޅުވާލެވިގެންދާނެ ކަމަށެވެ.
"ސްކޫލުތަކާއި، ސަރުކާރު އޮފީސްތަކާއި، ޓޫރިޒަމް ދާއިރާގެ ކަންކަމަށް އަދި އިންޓެނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންކަން އެކަމާ ބެހޭ މިނިސްޓްރީއަކުން އެޗްޕީއޭގެ ލަފާގެ މަތިން ހުޅުވިގެންދާނެ ގޮތަށް،" ޝައިނާ ވިދާޅުވިއެވެ.
ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައެވެ. އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ 40،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކަމުގެ ސީދާ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި 20،000 އަށްވުރެ ގިނަ ދިވެހިންވެސް ހިމެނެއެވެ.
އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެކަން ސަރުކާރުން ރަސްމީކޮށް އިއުލާންކުރިި އިރު، އަންނަ މަހުގެ ތެރޭގައި ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ދާދި ފަހުން އެ މިނިސްޓްރީއާއި، އެމްއެމްޕީއާރްސީއާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ވަނީ ޓޫރިޒަމްގެ ކިކް އޮފް އިވެންޓެއްވެސް ބާއްވައިފައެވެ. އެ އިވެންޓަށްވެސް ބޮޑު ތަރުހީބެއް ލިބުނެވެ.