އަލީ ޔާމިން
ރިސޯޓުތައް ޖުލައިގައި ހުޅުވާލަން ނިންމައި، ކޮވިޑް ނެތް ރަށްރަށުގައި ގެސްޓްހައުސްތައް ވެސް އެރަށްރަށަށް ހުޅުވައިލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ރިސޯޓުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ.
"ޓޫރިޒަމްގެ ކަންކަމާއި އިންޓަނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގެ ނަމާދުކުރުން ފަދަ ކަންކަން ހުޅުވާލެވިގެންދާނެ،" ޝައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިނާ ވިދާޅުވީ، ސްކޫލުތަކާއި ސެލޫންތަކާއި ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމަށް ހުޅުވާލުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ކޮވިޑް 19 ކޭސްތައް ނެތް ރަށްރަށުގެ މީހުންނަށް އެއްވެސް ހުއްދައަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަލި ނެތް ރަށްތަކުގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވައި، ދަތުރު ކުރުމަށް އަންނަ ހޯމަ ދުވަހުން ފެށިގެން ފުރުސަތު ދިނުމަށް ލަފާދީފައިވާ ކަމަށްވެސް ޝައިނާ ވިދާޅުވިއެވެ.