ކުއްލި ޚަބަރު

ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތްދޭ ގޮތަށް ޖުލައި މަހު ހުޅުވައިލަނީ

ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތްދޭ ގޮތަށް ޖުލައި މަހު ހުޅުވައިލުމަށް ނިންމައިފިއެވެ.

ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ޖުލައި މަހުން ފެށިގެން ހުއްދަ ދޭން ނިންމާފައިވާ ކަންކަމަކީ ކޮންމެވެސް ވަރަކަށް ގާތުން ދިމާވެގެން ދެވޭ ހިދުމަތްތަކެއް ކަމުން އެކަންކަމަށް ހުއްދަ ދިނުމުގައި ކަމާގުޅޭ އިދާރާތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިންތަކެއް އެކުލަވާލާނެ ކަމަށެވެ.

އެގޮތުން ޖުލައި މަހު ހުއްދަ ދޫކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ދެވޭނީ އެ ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ

ޝައިނާ ވިދާޅުވި ގޮތުގައި، މިވަގުތު ކެފޭ އަދި ރެސްޓޯރެންޓްތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް ކަމަށެވެ. ނަމަވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ޑެލިވަރީގެ އިތުރުން ޓޭކްއަވޭގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނެ ކަމަށާއި އަދި ޖުލައި މަހުން ފެށިގެން ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ގޮސް ތިބެގެން ހިދުމަތް ހޯދުމުގެ ހުއްދަ ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.