މި މަހުގެ 15 އިން ފެށިގެން ކަސްރަތުކުރަން ބޭނުންވާ މީހުންނަށް ވެސް ވަކި ގަޑިއެއްގައި ބޭރަށް ނުކުމެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ލޮކްޑައުންއަށް އިތުރަށް ދޭނެ ލުއިތައް އިއުލާން ކުރައްވައިފައެވެ.
އެގޮތުން ވަކިން އެކަނި ބޭރަށް ނުކުމެ ކަސްރަތުކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވަލާން ނިންމާފައިވާ ކަމަށާއި އެ ފުރުސަތު ދޭނީ އިރުއޮއްސި 6:00 އިން ރޭގަނޑު 9:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އޮތް ދޮވެވޭނެ އިންތިޒާމުތަކާއެކު ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ނިންމާފައިވާ ކަމަށާއި އެތަންތަނަށް ގޮސްގެން ވެސް ކަސްރަތު ކުރެވޭނެ ކަމަށް ޝައިނާ ވިދާޅުވިއެވެ. ނަމަވެސް ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނީ ޖުލައި މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވެސް ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރަށް ނުކުތުމަށާއި ކަސްރަތު ކުރުމަށް ހުއްދަ ދޫކުރަމުންނެވެ.