މި މަހުގެ 15ގެ ފަހުންވެސް 3 މީހުނަށްވުރެ ގިނައިން އެކުގައި ބޭރުގައި އުޅުން ހުއްދައެއް ނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ހުޅުވާލާ އިރު، ބައެއް އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
"ހުޅުވާލެވިގެން ދާއިރުގައި އަޅުގަނޑުމެން ބައެއް ރެކޮމެންޑޭޝަންތައް އެބަ ހުށަހަޅާލަން. އޭގެ ތެރޭގައި ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުމާއި، ބޭރު ތެރޭގައި މީހުން އެއްވެ އުޅުން އަޅުގަނޑުމެން ހުއްދައެއް ނުކުރަން. އެހެންވީމާ ތިން މީހުން އެއީ ކުރިއަށްއޮތް މުއްދަތުގައި ލިމިޓް ކުރެވޭނެ ވަރު." އޭނާ ވިދާޅުވިއެވެ.
ޝައިނާ ވިދާޅުވީ މިމަހުގެ 15ގައި ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށާއި ހުއްދަ ނެތި ބޭރުގައި އުޅެވޭނީ ހެނދުނު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށެވެ. އަދި މިއަދުން ފެށިގެން މިމަހުގެ 14ގެ ނިޔަލަށް މިހާރު ވެސް ހުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 15 އިން ފެށިގެން ލުއިތައް ދިނުމަށް ނިންމި ނަމަވެސް، ގައިދުރުކަމާއި އަތްދޮވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށް ޝައިނާ ވިދާޅުވިއެވެ.