ކުއްލި ޚަބަރު

މި މަހު 15 އިން ފެށިގެން ކުޑަކުދީންވެސް ބޭރަށް ނެރެވޭނެ

މި މަހު 15 އިން ފެށިގެން ކުޑަކުދީންވެސް ބޭރަށް ނެރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ކުޑަކުދިން ބޭރަށް ނުކުތުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

"ވަކި ގަޑިތަކެއް އެބަ ހާއްސަކޮށްލަން ވަކި އުމުރުފުރާއެއްގެ ބޭފުޅުންނަށް ހާއްސަކޮށް ކަނޑައެޅޭ ވަގުތުތަކެއްގެ ގޮތުގައި. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ބޭފުޅުން ހިނގާލަން، ނުވަތަ ބޭރުގައި ހަރަކާތްތެރިވުމަށްޓަކައި ހެނދުނު 5:00 އިން 6:00 އަށް ހާއްސަކޮށްލާފައިވާނެ. ކުޑަކުދިންނަށް، ބޮޑެތި މީހަކާއެކީ ބޭރުގައި އުޅުމަށްޓަކައި ހަވީރު 4:00 އާއި 6:00 އާ ދެމެދު ކަނޑައެޅިފައިވާނީ. އެކްސަސައިޒް ކުރާ ފަރާތްތަކަށް އިރުއޮއްސި 6:00 އާއި ރޭގަނޑު 9:00 އާ ދޭތެރޭގައި ހަރަކާތްތެރިވުމަށް،" އޭނާ ވިދާޅުވިއެވެ.

ޝައިނާ ވިދާޅުވީ އެނޫން ގަޑިތަކުގައި އާންމު އުސޫލެއްގެ ދަށުން ހުރިހާ އެންމެންނަށް ވެސް ހުއްދައެއް ނެތި ޒަރޫރީ ބޭނުންތަކާއި އެނޫން ވެސް ކަންކަމުގައި މިމަހުގެ 15 އިން ފެށިގެން ބޭރުގައި އުޅެވޭނެ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ރިކޮމެންޑް ކުރަނީ ނުވަތަ އަޅުގަނޑުމެން އަދިވެސް އިރުޝާދުދެނީ ވީހާވެސް ބޮޑަކަށް އެމީހެއްގެ މޫވްމަންޓް ކޮންޓްރޯލް ކުރައްވާށޭ. ޖޫން 15ގައި ހުޅުވާލެވިގެން ދިޔަޔަސް، އަޅުގަނޑުމެން އެބަ އިރުޝާދުދެން އިޖުތިމާއީ ގައިދުރުކަން ގާއިމުކޮށް، ވީހާވެސް ގިނައިން އަތްދޮވުން ފަދަ ކަންކަން ކުރުމަށް." އޭނާ ވިދާޅުވިއެވެ.

މިމަހުގެ 15 އިން ފެށިގެން ލޮކްޑައުނަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ އިރު، އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.