މި މަހު 15ގެ ފަހުން ހުއްދައަކާ ނުލައި ބޭރުގައި އުޅެވޭގޮތަށް ހަމަޖައްސައިފިއެވެ.
ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ މިމަހުގެ 15ގައި ހުއްދަ ނެތި ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ބޭރުގައި އުޅެވޭނެ ކަމަށެވެ.
"ޖޫން 15ގައި ޕާމިޓް ނެތި މޫވްމަންޓް ނުވަތަ އާންމުކޮށް ބޭރު ތެރޭގައި އުޅެވޭނެ ގޮތަށް ހުޅުވިގެންދާނެ. ހުޅުވޭ ގަޑިތަކަކީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް ޕާމިޓް ނުލައި އާންމުގޮތެއްގައި ބޭރު ތެރޭގައި އުޅެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޝައިނާ ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 14ގެ ނިޔަލަށް މިހާރު ވެސް ހުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުންދާނެ ކަމަށާއި މިމަހުގެ 14ގެ ނިޔަލަށް ހުއްދަތައް ހޯދަން ޖެހޭނެ ކަމަށެވެ. އަދި މިމަހުގެ 15 އިން ފެށިގެން ހުޅުވާލާ އިރު، ބައެއް އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހުޅުވާލެވިގެން ދާއިރުގައި އަޅުގަނޑުމެން ބައެއް ރެކޮމެންޑޭޝަންތައް އެބަ ހުށަހަޅާލަން. އޭގެ ތެރޭގައި ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުމާއި، ބޭރު ތެރޭގައި މީހުން އެއްވެ އުޅުން އަޅުގަނޑުމެން ހުއްދައެއް ނުކުރަން. އެހެންވީމާ ތިން މީހުން އެއީ ކުރިއަށްއޮތް މުއްދަތުގައި ލިމިޓް ކުރެވޭނެ ވަރު." އޭނާ ވިދާޅުވިއެވެ.
މިމަހުގެ 15 އިން ފެށިގެން ލޮކްޑައުނަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ އިރު، އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.