ކުއްލި ޚަބަރު

އިތުރު ލުއިތައް ދިނުން މިމަހުގެ 15 އަށް ފަސްކޮށް، ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފި

އަލީ ޔާމިން

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ތިން ދުވަހަށް އިތުރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއެކު ކޮވިޑްގެ ބަލި ފެތުުރެމުންދާ ހާލަތަށް ބެލުމަށްފަހު މިމަހުގެ 15 ވަަނަ ދުވަހުން ފެށިގެން ލުއިދިނުމަށް ނިންމާފައިވާތީ އެ މުއްދަތުގެ ނިޔަލަށް ލޮކްޑައުން އިތުރުކުރާ ކަމަށެވެ.

މި ހާލަތުގައި މާލެ، ހުޅުމާލެ، ވިިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާވާނެއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދިނުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅަށް މީހުން އަރައި ފޭބުން މަނާވާނެއެވެ.

މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވުމާއެކު މާލޭ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު މިދިޔަ މަހުގެ 28 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް އެ މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ.

ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފައި މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ނުކުރާތީ މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އުވިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.